ދިވެހިރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ހުންނަންވާނެކަން ކަށަވަރުކުރެވޭނެ ހަރުދަނާ، ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށެވެ. ނަމަވެސް އެކަން ކަށަވަރުކުރެވޭނެ ނިޒާމީ ބަދަހި އޮނިގަނޑެއް އަދި ނެތްކަން ފާހަގަކުރައްވައި، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”އިސްލާމްދީނަށް ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައުމީ ދުވަހުގެ ތާރީހީ ހާދިސާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެންމެ މީހަކު ދީން ދޫކޮށްލުމުގެ ސަބަބުން އެތައް އަހަރަކު ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮންނަންޖެހުނު ކަމަށެވެ. އަދި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ކުރެއްވި މަތިވެރި ޖިހާދަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި ކުރެއްވި ޖިހާދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޤައުމުގެ ޙައްޤުގައި ޤުރުބާންވުމުގައި ވަކި ފަންތިއެއް، ގިންތިއެއް އަދި މިންތިއެއްވެސް ތަފާތު ނުވާނޭކަން، ތާރީޚުން މިސާލުދައްކަވައި، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަލިރަސްގެފާނުން ފެށިގެން ގޮސް، ވިލިނގިލީ ރާވެރިބެއާ ހަމައަށް، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ހަމައިން ކަނބާ އައިސާ އާއި ސިއްތި މާވާއާ ހަމައަށް، މުޙައްމަދު ތަކުރުފާނުން ފެށިގެން ދުވާފަރު ދަންޑަހެލާ ހަމައަށް، އެކި ފަންތީގެ، އެކި މިންތީގެ، އެކި ގިންތީގެ ދިވެހީން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ޛިކުރާ ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އާކުރެއްވިއެވެ.
ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމާއި، ޤައުމީ ދުވަހުގެ އަމާޒަކަށް ވާންވީ، ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

