ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައްޔަންކުރެއްވި އިބްރާހިމް މާހިރު މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ފަނޑިޔާރު މާހިރު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވި ނިންމެވުން ގަބޫލުކޮށްފައެވެ. އެ ނިންމުމާ އެއްގޮތަށް، އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޭނާ މަގާމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވިތާ 11 މަސް ދުވަހުގެ ތެރޭގައި އޭނާ މަގާމުން ރިޓަޔާކުރައްވަން ނިންމެވި ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރަކީ ޝަރުއީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ހައި ކޯޓަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން ފެމިލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމު ވެސް މާހިރު ވަނީ ފުރުއްވާފައެވެ.

