މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާ ގުޅިގެން ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ”ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް“ އެމް.ޑަބްލިޔޫ.އެސް.ސީގެ ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
ދެ ދުވަހާއި ބައިގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި އެމް.ޑަބްލިޔޫ.އެސް.ސީގެ އެކި ޑިވިޛަންތަކާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ހިމެނޭހެން، ސީނިއަރ މެނޭޖްމަންޓްގެ 39 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ ހިންގުމުގައި ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އެކުވެރި އަދި އެއްބައިވަންތަ ލީޑަރޝިޕް ސަގާފަތެއް ބިނާކުރުމެވެ. އެގޮތުން، އިސް މަގާމުތަކަށް ކޮންމެހެން ބޭނުންވާ ނިންމުންތައް ނިންމުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖްކުރުމާއި، އަދި ސްޓްރެޓީޖިކް ވިސްނުން ތަރައްގީކުރުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފަސްޓް އެއިޑް، އަލިފާން ނިއްވުން، އަދި އެމް.އެން.ޑީ.އެފްގެ އޮބްސްޓަކަލް ކޯސްތަކުގެ އިތުރުން، ކަނޑުމަތީގެ ކުއްލި ހާލަތްތަކުގައި އުޅަނދު ދޫކޮށް ސަލާމަތްވުމުގެ އަމަލީ ތަމްރީނުތައްވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން އެމް.ޑަބްލިޔޫ.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ކުރެއްވި އެކްސް (ޓްވިޓަރ) ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެމްޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުން ހާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ގާބިލުކަން އިތުރުވެ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެއެވެ. އަދި މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމަށް ބޭނުންތެރި، ގާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އިސްކަމާއި، މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް އެމް.ޑަބްލިޔޫ.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޕްރޮގްރާމަކީ އެމް.ޑަބްލިޔޫ.އެސް.ސީގެ އެކި ޑިވިޛަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޤާބިލު ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ.

