ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

ފްރެންޑް 4 ސަޕްލައި ދޯނި ބަންޑުން ޖަހާލި ހަދިސާގައި ގެއްލުނު ތިން މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓް 5ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި މިއަދު ބުނެފައިވަނީ، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. އަދި އޮޔާ ހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސްހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައި ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާއެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ސަލާމަތްކުރެވުނު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ދޯނި ބަންޑުން ޖަހާލީ ވަރަށް ކުއްލިގޮތަކަށް ކަން ފާހަގަކުރިއެވެ.

އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި، އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށާއި ހުވަދޫ ކަނޑަށް ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ފާހަގަކުރި ގޮތުގައި، އެއީ އިންސާނުންނަށް ޑައިވިންގ ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އަދި އެއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫނެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައިި، އެ އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯން ވެސް ބޭނުންކޮށްފައިވެއެވެ. މި ޓީބީ2 ޑްރޯންއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލްކަންހުރި ޑްރޯން ކަމުގައިވާތީ، އެ ޙާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށް ޓަކައި ވަނީ ބޭނުންކޮށްފައެވެ. އޭގެ އިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ ބޭނުންކޮށްގެން، އެ އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމަށް އެމެރިކާ ސަރުކާރުން ވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން އިއްޔެ ބަލާފައިވެއެވެ. އެއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާބޯޓެކެވެ. އެ މަތިންދާބޯޓުން އިއްޔެ ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައެވެ

އެ ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 16 އޮގަސްޓް 2026ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ހާދިސާގައި ގެއްލިފައިވަނީ ފްރެންޑް 4 ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުހެއް ކަމަށްވާ އަލީ ނާފިއުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: