ޤާނޫނުތަކަކީ ފާސްކުރުމަށްފަހު ފައިލްކޮށްފައި ބާއްވާ އެއްޗެއް ކަމަށާއި މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރެވުނު ޤާނުނުތައް ތަންފީޒު ކުރެވުނުނަމަ މިއަދު ދިވެހި ރައްޔިތުން އުޅޭނީ އުފާފާގަތި ދިރިއުޅުމެއްގައި ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ، އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށައަޅުއްވާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، ޤާނޫނު ރަނގަޅަށް ތަންފީޒުކުރެވިއްޖެނަމަ ވިތު ހޯލްޑިންގ ޓެކުހަކީ ފައިދާވާނެ ކަމެއް ކަމަށާއި ކަންކަން ރަނގަޅުކުރުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެ ޑޮލަރުގެ އަގު ތިރިވުންކަމުގައެވެ. އޭނާ ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ރަނގަޅު އިސްލާހުތަކެއް ހުށައެޅިނަމަވެސް އެކަން ތަންފީޒު ކުރެވޭނެކަމާމެދު ސުވާލު އުފައްދަވާފައެވެ.
ޣަފޫރު ވަނީ މަޖިލީހަށް ބިލެއް ހުށައަޅައިގެން މޮޅެތި ވާހަކަތަކެއް ދެއްކިޔަސް ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަމަށާއި ބިލެއް ހުށައަޅާއިރު ވަފާތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަން ހުންނަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ ޤައުމުކަމަށާއި މަޖިލީހަށް ބިލެއް ހުށައަޅައި ފާސްކޮށްފައި ތަންފީޒުނުކޮށް ކަމަކު ނުދާނެކަމަށެވެ.
މަޖިލީހުން ޤާނޫނެއް ފާސްކުރެވުނަސް ޤައުމު ހިންގަން ތިބޭ ވެރިން ޤާނޫނުތައް ތަންފީޒު ކުރަންޖެހޭނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. ޤާނޫނުތަކަކީ ފާސްކުރުމަށްފަހު ފައިލްކޮށްފައި ބާއްވާ އެއްޗެއް ކަމަށާއި މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރެވުނު ޤާނުނުތައް ތަންފީޒު ކުރެވުނުނަމަ މިއަދު ދިވެހި ރައްޔިތުން އުޅޭނީ އުފާ ފާގަތި ދިރިއުޅުމެއްގައި ކަމަށް ވިދާޅުވެ އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އޭގެ އިތުރުން، ޣަފޫރު ވިދާޅުވީ، ދައުލަތަށް ލިބޭހާ ލާރިއެއް ދެނީ އެސްޓީއޯއަށް ތެޔޮ ގަންނަން ހޭދަކުރަން ކަމަށާއި އެ ތެލުގެ 75% ވިއްކަނީ ރިސޯޓުތަކަށް ކަމަށެވެ. އަދި އެމްއޭސީއެލުން ވަގަށް ޑޮލަރު މާރުކުރާކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
”ވިތު ހޯލްޑިންގ ޓެކުހަކީ، ޤާނޫނު ތަންފީޒުކުރެވިއްޖެނަމަ އޭގެން ރައްޔިތުންނަށް ފައިދާވާނެ ކަމެއް. އެއަކު ނެތް އެއްވެސް ގޯހެއް. އެކަމަކު އަޅުގަނޑުގެ ސުވާލަކީ އެކަން އެހެން ކުރާހެއްޔޭ، ރައްޔިތުން މިއަދު ޑޯލަރު ގަންނަނީ 22 ރުފިޔާ ބަޔަށް. ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް މިދެނީ އެސްޓީއޯއަށް ތެޔޮ ގަންނަން. އެގެންނަ ތެލުގެ 75% ރިސޯޓުތަކަށް ވިއްކަނީ. އެމްއޭސީއެލުން ވަގަށް ޑޮލަރު މާރުކުރަނީ. އެކަމު ދައުލަތަށް މިލިބޭ ހުރިހާ ލާރިއެއް މިދެނީ ސަރުކާރު ކުންފުނިތަކަށް ޑޮލަރު ގަންނަން،“ ޣަފޫރު
އެހެންނަމަވެސް ޑޮލަރުގެ ރޭޓު އެއް ދުވަހުން އަނެއް ދުވަހަށް މައްޗަށް އަރާކަމަށާއި 100 އާއި 150 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ރިސޯޓު ތަރައްޤީކުރާއިރު ކޮންޓްރެކްޓަރު އޭގެ ޓެކްސް ފައިސާ މީރާއަށް ދައްކާފައިވޭތޯ ޔަޤީން ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ނުބެލޭނަމަ ޤާނޫނަށް ކިތަންމެ ވަރަކަށް އިސްލާހުތަކެއް ގެނަޔަސް އޭގެ ބޭނުމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިސޯޓެއް ހުޅުވުމުގެ ލައިސަންސް ދޫކުރަން ޖެހޭނީ ސަބްކޮންޓްރެކްޓަރަކަށް ގެނައި ބޭރު ކުންފުނިން ވިތު ހޯލްޑިންގ ޓެކްސްއާއި ދައުލަތަށް ވަންނަންޖެހޭ ފައިސާ ދައްކިތޯ އަދި ހުރިހާ ކަމެއް ރަނގަޅަށް ބަލާފައިކަމަށެވެ.
”ނަސަންދުރަ ހުޅުވިއިރު ނަސަންދުރައިން އެޗްޑީސީއަށް ދައްކަން އޮތް ލާރި ނުދައްކާ އޮއްވާ ކީއްވެތޯ ލައިސަންސް ދެވުނީ؟“ ޣަފޫރު
ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކޮންޓްރެކްޓަރުން ގެންނައިރު އެ ކޮންޓްރެކްޓަރު ރާއްޖެ ރަޖިސްޓްރީ ނުކުރާނަމަ އެ ކޮންޓްރެކްޓަރަށް ދިން ފައިސާއިން ރާއްޖެއަށް ވަންނަންޖެހޭ ފައިސާ ވަނީ ވަދެފައިތޯ ބަލާފައި މެނުވީ ޤާނޫނަށް އިސްލާހެއް ނުގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

