ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުޑަކުއްޖާގެ މައްސަލައިގައި ސީއީއޯއަށް މެސެޖުކޮށް އިންޒާރު ދޭ: ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފަންވި ތުއްތު ކުއްޖަކު އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނާ މައްސަަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ ސޯއީއޯ ނާޒިމާ އަލީއަށް އަނިޔާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންހެނަކު ވިހެއި ދަރިފުޅު އޭނާއާ ހަވާލުނުކޮށް ހޮސްޕިޓަލުން ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުވެފައިވާއިރު، އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ހޮސްޕިޓަލުން ބުނީ، އެ ހާދިސާއާ ގުޅުވައިގެން އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި ފްލެޓްފޯމްތަކުގައި އިންޒާރުދީ ބަދުބަސް ބުނެ، ނޭދެވޭ އަދި ބޭއަދަބީ މެސެޖުތައް ފޮނުވަމުންދާ ކަމަށެވެ. އަދި އޭނާގެ ބޮލުގައި ރިޝްވަތު ނެގިކަމުގެ ތުހުމަތު އަޅުވަމުންދާ ކަމަށާއި އެއީ އެ ހޮސްޕިޓަލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ސީއީއޯއަށް އަމާޒުކޮށް އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުމާއި ބިރުދެއްކުމާއި ފުރައްސާރަކުރުމާއި ހަޑިހުތުރު ބަހުން މުއާމަލާތުކުރުމާއި ދޮގު ތުހުމަތުތައް ކުރާ ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ މައްސަލައަކީ އެޗްއާރްސީއެމްއިން ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެ ހޮސްޕިޓަލުން ދީފައިވެއެވެ.

ސޯޝަލް މީޑިއާގައި އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފަތުރަމުންދާ ދޮގު ވާހަކަތަކާއި އަޑުތަކަކީ އެކަމުގެ ނާޖާއިޒު އެހެން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ބަޔަކު ކުރާ މަސައްކަތެއް ކަމުގައި ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި އަސާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ކުރެވޭ އެފަދަ ނާޒުކު ތުހުމަތުތަކަކީ ހަމައެކަނި ގާނޫނީ އަދި ތަހުގީގީ އިދާރާތަކުގެ ތެރެއިން ބަލައި ހައްލުކުރަންޖެހޭ މައްސަލަތައް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެފަދަ ކަންކަމުގައި އަމިއްލަ ލަފާތަކާއި ދޮގު މައުލޫމާތު އަދި ސޯޝަލް މީޑިއާގައި ހިންގާ ހަރަކާތްތަކުން ދުރުހެލިވުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އިންޓަނެޓާއި ސޯޝަލް މީޑިއާގައި ދައުރުވާ އަސްލެެއް ނެތް އަޑުތަކާއި ސާބިތުނުހިފޭ ވާހަކަތަކަށް ބުރަ ނުވެ، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް ވެސް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަށާއި ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައިގެން އޭނާގެ ނުރުހުމުގައި ކަމަށެވެ.

ޖެންޑާ މިނިސްޓްރީން މިކަމާ ގުޅިގެން ބުނެފައިވަނީ ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ އެކަނި ކަމަށާއި އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: