ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ދައުރު ދަންމާލަން ނެގި ވޯޓުގައި މި ދައުރު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި ބައެއް މަސައްކަތްތައް ކޮމިޓީ މަރުހަލާގައި ކުރިއަށްދާތީ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެ ވޯޓުގެ ނަތީޖާއިން ވެސް އެނގެނީ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ރައްޔިތުންނާއެކު ތިބި މިންވަރު ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި 24 ގަޑިއިރު މަސައްކަތް ކުރަން ވެސް އެ މެމްބަރުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެ މެމްބަރުންނަށް ޝުކުއަދާކުރެއްވިއެވެ.
”މި ވޯޓުގެ ނަތީޖާއަށް ބަލާލީމަ ވެސް އެނގެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންނާއެކު ތިބި މިންވަރު، ރައްޔިތުންނަށް ހިދުމަތްކުރުމުގައި 24 ގަޑިއިރު ވެސް ހިދުމަތްކުރަން އެ ބޭފުޅުން ތިބީ ތައްޔާރަށް ކަން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ މަޖިލީހުގެ މި ހިނގާ ދައުރު އިތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން، މި މަހުގެ 12 ވަނަ ދުވަހު ވަނީ ދައުރު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފައެވެ.

