ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައިދު އާސިމް މުނީރުއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން އޮތީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ބައްދަލުކުރެއްވުމުގައި ސަރަހައްދީ ސަލާމަތާއި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ޕާކިސްތާނާއި އޮންނަ އަޚުވަންތަ ގުޅުމަށް އެ ގައުމުން ވަރަށް ބޮޑު އިސްކަމަކާއި އަހަންމިއްޔަތެއް ދެެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާވެސް ދެ ގައުމުގެ ފައިދާއަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ވައުދު އައުކުރައްވާ އެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ކުރިއެރުވުމުގައި ޕާކިސްތާނުން އަދާކުރާ ބިނާކުރަނިވި ދައުރު ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
އޭގެ އިތުރުން، ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަތީ ފަންތީގެ ބައްދަލުވުންތައް މެދުވެރިކޮށް ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

