ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ-ޕާކިސްތާން ފަހުމުނާމާތައް، އެއްބަސްވުންތަކަށް ބަދަލުކުރަން މަސައްކަތް ކުރަން އާ ސަފީރަށް އިރުޝާދު ދީފި

ރައީސް ޑރ.މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ފަހުމުނާމާތަކަށް އަމަލީ ސިފަ ގެނެސް އެއްބަސްވުންތަކަށް ބަދަލުކުރަން މަސައްކަތް ކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް އުވައިސް އަހުމަދު ބިލްގްރާމީއަށް އިރުޝާދު ދީފިއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހިންގާ މަޝްހޫރު މާލީ އަދި ވިޔަފާރީގެ ހަބަރުފަތުރާ އިދާރާއެއް ކަމަށްވާ މެޓިސް ގްލޯބަލް ލިންކް ނިއުސް އިން ވަނީ، މި އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ވެވުނު ފަހުމުނާމާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި ސޮއިކުރެވުނު 20 ފަހުމުނާއަށް އަވަސް އަމަލީ ސިފައެއް ގެނައުމަށާއި، އެކަންކަން ގާތުން ބެލެހެއްޓުމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ބާރުއެޅުއްވި ކަމަށް މެޓިސް ގްލޯބަލްއިން ރިޕޯޓުކޮށްފައިވެއެވެ. ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) އުވައިސް އަހްމަދު ބިލްގްރާމީއާ ބައްދަލުކުރައްވައި ޒަރުދާރީ ވިދާޅުވީ، ވިޔަފާރިއާއި، ތައުލީމާއި، ސިއްހަތު އަދި ދިފާއީ ދާއިރާއިން ވެވުނު މި އެއްބަސްވުންތަކަކީ އަމަލީ ގޮތުން ދެ ގައުމަށް ފައިދާކުރާނެ ކަންކަމަށް ހަދަންޖެހޭ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި ދިފާއީ ދާއިރާއިން ސޮއިކުރެވުނު ތިން ފަހުމުނާމާ ތަންފީޒުކުރުމަށާއި، ދިފާއީ އަދި ސަލާމަތީ އެއްބާރުލުމާ ގުޅޭ ”ޖޮއިންޓް ވޯކިންގ ގްރޫޕެއް“ ވީހާވެސް އަވަހަކަށް އެކުލަވާލުމަށް ރައީސް ޒަރުދާރީ ގޮވާލެއްވިކަން އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓަރު މުހައްމަދު ޖުނައިދު އަންވަރު ޗަދަރީއާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމެއްގެ ހަބަރު ވެސް މެޓިސް ގްލޯބަލްއިން ގެނެސްދީފައިވެއެވެ. މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް މަތިކުރުމަށާއި، ބަނދަރުތަކުގެ ގުޅުން ހަރުދަނާކުރުމުގެ އިތުރުން، ޕާކިސްތާނުން ރާއްޖެއަށް ހަނޑުލާއި، ހަކުރާއި، މޭވާއާއި ތަރުކާރީއާއި، ބޭސްފަރުވާގެ ސާމާނު އަދި ފޭރާން އެކްސްޕޯޓްކުރުން އިތުރުކުރުމަށް ޖޮއިންޓް ވޯކިންގ ގްރޫޕެއް އުފެއްދުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ފަހިކޮށްދިނުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތުކަން ވެސް މި ޚަބަރުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ޑރ. މުއިއްޒުގެ ރަސްމީ ދަތުރުފުޅުގައި، ދަނޑުވެރިކަމާއި ކާބޯތަކެތީގެ ވިޔަފާރިއާ ގުޅޭގޮތުން ރާއްޖޭގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ޓްރޭޑިންގ ކޯޕަރޭޝަން އޮފް ޕާކިސްތާން (ޓީ.ސީ.ޕީ) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތަފްސީލާއި، ތިމާވެށި ހިމާޔަތްކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުމާއި، މަސްވެރިކަން އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކުގެ މައުލޫމާތު މެޓިސް ގްލޯބަލްއިން ތަފްސީލުކޮށް ގެނެސްދީފައިވެއެވެ.

ރައީސް މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން 20 އެމްއޯޔޫއެއްގައި ސޮއިކުރިއެވެ. އޭގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމާއި ސިއްހީ، ތައުލީމު، އަސްކަރީ ދާއިރާ، ފޮރެންސިކްގެ ދާއިރާ އަދި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އެމްއޯޔޫތައް ހިމެނެއެވެ.

އެ އެމްއޯޔޫތަކަށް އަމަލުކުރަން ފެށުމަކީ މިހާރު އެންމެ ބޭނުންތެރިކަން ކަމަށާއި އޭގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: