ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވަން ހަމަޖެހިފައިވާކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޕާކިސްތާނުގެ ”ސަމާ ޓީވީން“ ރިޕޯޓް ކޮށްފައިވަނީ، މިއީ ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަމާ ޓީވީން ވަނީ ރިޕޯޓްކޮށްފައެވެ.
ރައީސް މުޢިއްޒު ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވަން އަދި ރައީސް ޒަރްދާރީއާއެކު ވެސް ވަކި ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކުރެވިފައިވާއިރު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ޤައުމުގެ ވެރިން ސަރަޙައްދީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާ (ސާކް) ގެ ހަރަކާތްތައް އަލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް އެ މަޝްވަރާތަކުގައި އަލިއަޅުވާލާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރައީސްގެ ދަތުރުފަުޅާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ސަންގުން ފޮރިން މިނިސްޓްރީއަށް ގުޅުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.
މިދިޔަ މަހުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއެކު ޕީއެންސީގެ 16 މެމްބަރުންގެ ވަފުދެއް ވެސް ޕާކިސްތާނަށް ޒިޔާރަތްކޮށްފައިވެއެވެ. އެ ދަތުރުފުޅުގެ ތެރެއިން އަބްދުއްރަހީމް ވަނީ ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރުއާ ވެސް ބައްދަލުކުރައްވައިފައެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް ބައިވެރިވަޑައިގެންނެވިއެވެ.
އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރުއެވެ. އެއީ އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދައުވަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އޭގެ އިތުރުންް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ތިން ފަހަރު ރަސްމީ ދަތުރުފުޅުތަކުގައި ޕާކިސްތާނަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގައެވެ.

