އަމާޒުކޮށް ދައްކަވާ ވާހަކަތަކާ ފާޑުކިޔުން އަދި ކުރާ ތުހުމަތުތަކަށް ނުގުޑާނެ ކަމަށާ ޖަހާހާ މަޅިއެއްގައި މ ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީނާ އެމަނިކުފާނުގެ ޕާޓީގެ ބޭފުޅުންނަށް ވަރުގަދަ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
ރައީސް ޔާމީން އެ ޕާޓީ ދޫކޮށްވަޑައިގަތީ ރައީސް ޑރ. މުއިއްޒު ހައްދަވަމުން ގެންދާ ގޯސްތަކަށް ކެތް ނުވެގެން ކަމަށް ވިދާޅުވެފައިވާއިރު އެކަމަށް ރައްދުދެއްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޕާޓީއާ ދުރަށް ވަޑައިގަތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަވާ ހެއްދެވި ގޯހަކުން ނޫން ކަމަށެވެ. އަދި ޕާޓީ ދޫކުރައްވާ ވަޑައިގަތީ ރައީސް މުއިއްޒުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރު ކަމަށާ އިތުރު އެއްވެސް މީހެއްގެ ބާރު އެމަނިކުފާނުގެ މައްޗަށް ނުހިނގާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ.
ރައީސް ޔާމީން އަޅުގަނޑުމެން ދޫކޮށް ވަޑައިގަތީ ގޯސްތަކެއް ހަދާތީކީއެއް ނޫނޭ. ދުރަށް ދިޔަ ސަބަބަކީ ލަގޮނޑިއަށް ކެތް ނުވީ، އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ދެލޮލަށް ކުޅަދާނަ ނުވީ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑީގައި އިންނަވާ މަންޒަރު ދެކެން ހިތް ބިރުގަތީ،
ރައީސް ޔާމީނަށް ފާޑުކިޔުއްވަމުން އަބްދުއްރަހީމް ވަނީ އެމަނިކުފާނު ޖަލުގައި އޮންނެވިއިރު މަގުމައްޗަށް ނުކުތް ބޭފުޅުން ހަނދާންނެތުނީތޯ ވެސް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ފަސް އަހަރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަގުމައްޗަށް ނިކުތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ރައީސް މުއިއްޒު ހިމެނޭހެން ޕީޕީއެމް ޕީއެންސީގެ މެންބަރުން ކަމަށެވެ. ޕީއެންސީގައި ތިއްބެވި ބޭފުޅުން ވަރަށް ރައީސް ޔާމީނަށް އިހުލާސްތެރިވާނެ އެހެން ބަޔަކު ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ތައުލީމީ ފެންވަރާމެދު ސުވާލު އުފައްދަވާ ބޭފުޅުންނަށް ވެސް ވަރުގަދަ ރައްދެއް ދެއްވާފައިވެއެވެ. ރައީސް ޔާމީން ފުރަތަމަ ފަހަރު ޖަލުން މިނިވަން ވެވަޑައިގަތުމާ އެކު ކާނިވަލުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވާފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމް-ޕީއެންސީ ހިންގޭނެ މީހަކީ އަބްދުއްރަހީމް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. އަދި ބަޔަކު ރުޅި އަޔަސް ހިނި އަޔަސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް އެއީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮން ސިޔާސީ ޕާޓީއަކަށް، ފަސް އަހަރު ދުވަސް ވާންދެން އެ ޕާޓީގެ ލީޑަރު ޖަލުގައި އޮއްވައި އެ ޕާޓީގެ ލީޑަރުގެ އަގު ހިފަހައްޓައިގެން ޕާޓީ ވަރުގަދަކޮށްގެން ވެރިކަމަށް އާދެވުނު އެއްވެސް ޕާޓީއެއް މި ރާއްޖޭގައި ނޯންނާނޭ. އެކަން ކުރީ އަޅުގަނޑުމެން. މި އޮތީ އެ ޓީމު. ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި ދެ ޕާޓީގެ އާންމު މެންބަރުންނާ ގުޅިގެން އެކަން ކުރީ. އިސްވެ ހުރީ އެ ބުނާ ނުކިޔަވާ އަބްދުއްރަހީމް. އަޅުގަނޑު މި ދަންނަވަނީ ޖަމީލަކަށް ވެސް، މަލީހަކަށް ވެސް، ރައީސް ޔާމީނަކަށް ވެސް، ސިޔާސީ ކުޅިބައި އަޅުގަނޑާ އެއްވަރަށް އަތުރާކަށް ނޭނގޭނެ،
އަބްދުއްރަހީމަށް އަމާޒުކޮށް ކީ ކޮންމެ ފާޑުކިޔުމަކަށް ވަރުގަދަ، ހޫނު ރައްދުތަކެއް ދެއްވުމަށްފަހު އެންމެ ފަހުން ކުރެވުނު ތުހުމަތުތަކަށް ވެސް ރައްދުދެއްވިއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަތައް ބަލަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ޗެލެންޖު ކުރެއްވި ކުރެއްވުމަށް އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލައިގައި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލަ ބަލާ ކޮމިޝަނުގެ ޗެއާއަކަށް ހުންނަވަންވާނީ ރައީސް ޔާމީން ކަމަށާއި ދެން ތިއްބަވަން ވާނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި ކާނަލް ރޭންކުގައި ސިފައިންގޭގައި ކުރިން އުޅުއްވި އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކަމަށެވެ. އެމަނިކުފާނުގެ މައްސަލަ ބަލަން އުފައްދާ ކޮމިޝަނާ އެކު އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނެ ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ކޮމިޝަނުގެ ޗެއާއަކަށް ލާން ވާނީ އަޅުގަނޑު. ދެން މެންބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް. އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލައިފިއްޔާ ދެން ވާގޮތް އެނގިވަޑައިގަންނަވާނެ،
އެ ޖަލްސާގައި އަބްދުއްރަހީމްގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީނާ އެމަނިކުފާނުގެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އަމާޒުކުރެއްވިއިރު އެމަނިކުފާނު ވަނީ ޅެންބައިތުތަކަކުން ރައީސް ޔާމީނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޅެންބައިތުތައް އިއްވާފައެވެ. އޭގެއިތުރުން ކުޅަނދުރު ހަތައަށް އޮއްގާ ނުއުކުމަށް ވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަށް ޖަވާބުދާރީންވާން ކެރޭނެ ކަމަށެވެ. އަދި ރައްދު ދޭން ވެސް، ޒުވާބު ކުރަން ވެސް ކެރޭނެ ކަމަށެވެ.

