ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ގޭގައި ތިބުމަކުން ނުނިމޭ!

ކޮރޯނާ ވައިރަސް ރައްކާތެރިވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގެ ވެރިރަށް މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު މި ބަލި މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. މިއާއިއެކު ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން ރައްޔިތުން ގޭގައި ތިބުމުގެ އިތުރަށް ބަލިން ރައްކާތެރިވުމަށްޓަކައި ވަަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ޑޮކްޓަރުން ވެސް މިވަނީ ހާމަ ކުރައްވާފައެވެ. 

ރާއްޖޭގެ ވެރިރަށް މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ކޭސް މި މަހުގެ 15 ދުވަހު ފެނުމާއިއެކު ސަރުކާރުން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ވެރިރަށް މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރުމެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ލޮކްޑައުންގެ ވަގުތު އިތުރުކޮށް އެންމެ ފަހުން ކޮރޯނާ ވައިރަހަށް ގިނަ ބަޔަކު ޕޮޒިޓިވްވާން ފެށުމުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެ ލޮކްޑައުންކޮށް މާލެއަށް އަރާ ފޭބުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. 

އޭގެ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ބައެއް މީހުންނާއި ބައްދަލުވި މީހުން ރާއްޖޭގެ އެކިއެކި ރަށްރަށުން ފެންނަމުން ދިއުމުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މާލެއިން ރަށްރަށަށްދާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރާ ގޮތަށް ސަރުކާރުން ނިންމިއެވެ. އެހެން ކަމުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މުޅި ރާއްޖެ މިހާރު މިވަނީ ލޮކްޑައުންގެ ހާލަތުގައި ކަމަށް ދެންނެވުން ދޮގަކަށް ނުވާނެއެވެ. 

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މާލެއަށް އެރުން މަނާކުރުމުގެ އިތުރުން ފުލުހުންގެ ހާއްސަ ހުއްދައެއްގެ ދަށުން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މަނާ ކުރުމުން ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެގެން ދިޔަ އެއްކަމަކީ ދުވަހުން ދުވަހަށް ގޭގައި ބޭނުންކުރާ ޒަރޫރީ ހިދުމަތްތައް ހާއްސަކޮށް ކާނާގެ ބާވަތްތައް ހޯދަން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމެވެ. އެކަމަށް ހައްލެއް ހޯދައި ދިނުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސިފައިންނާއި، ފުލުހުންގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި އަދި ރަށްރަށުގެ ކައުންސިލް އިދާރާތައް ގުޅިގެން ކުރިއަށް ގެންދަން ފެށި މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ ސާމާނު ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތެވެ. 

ނަމަވެސް ޑެލިވަރި ކުރުމުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ވެސް ބޮޑެތި ދަތިތަކާއި މިވަނީ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްފަހަރާ އޯޑަރުތައް ދިނުމުން އެތަކެތި ފޯރުކޮށް ދިނުމުގައި ޑެލިވަރީ ކުރާ ފަރާތްތަކަށް ވެސް މިވަނީ ވަަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިފަދަ ހާލަތެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގައްޔާއި އަދި ގެއަށް ކާބޯތަކެތި ގެންނައިރި އަދި ލޮކްޑައުން ހާލަތުގައި ކާބޯތަކެތި ބޭނުން ކުރުމުގައި ވެސް ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑު ފާހަގަ ކޮށްލަމެވެ. ހާއްސަކޮށް ކޮރޯނާ ވައިރަހުން އެހެން މީހުން ރައްކާތެރިކުރުމަށްޓަކައި ފަރުދީ ހައިސީއްޔަތުން ކުރެވިދާނެކަންކަން ރައްޔިތުންނަށް ކޮންމެހެން އެނެގެން ޖެހޭކަން އަޅުގަނޑު ދެކެމެވެ. 

އެގޮތުން ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން އެހެން މީހުން ރައްކާތެރިކޮށް ދިނުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކަކީ ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބުން އަތް ސާފުކުރުން،      ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން ، ނޫނީ މުލައްދަނޑި ހުރަސްކޮށްލުން،  ނިވާކުރުމަށް ބޭނުންކުރި ޓިޝޫ ވަގުތުން ކުނިވައްޓަށްލުން،  އެއަށްފަހު ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކޮށްގެން އަތް ސާފުކުރުން،  ބަލިމީހަކާ އަޅާލާ ހަދާއިރު ވެސް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކުރުމަށް ސަމާލުކަން ދިނުން،  ކެއްސާ ކިިނބިހިއަޅާނަމަ އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުން ، މަގުމައްޗާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި، އަރިދަފުސް ނުފޮޅުން  ހުންއައިސް، ކެއްސާ، ނޭވާކުރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. 

މީގެއިތުރުން ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުވާންޖެހޭ ކަންތައްތައް ވެސް ހުރިކަން އަޅުގަނޑު ފާހަގަކޮށްލަމެވެ.  އެގޮތުން   ރޯމަހާއި، އެހެނިހެން ތަކެތި ކޮށުމަށް ވަކިވަކި ދެ ކަޓިން ބޯޑު އަދި ވަކިވަކި ވަޅި ބޭނުންކުރުން ވަރަށް މުހިންމެވެ. ހަމައެހެންމެ  ރޯމަހުގައި އަތްލައި ހެދުމަށްފަހު އެހެން ކާބޯއެއްޗެއްގައި އަތްލުމުގެ ކުރިން ރަނގަޅަށް އަތްދޮވުން،  ބަލި ޖަނަވާރާއި، މަރުވެފައިވާ ޖަނަވާރުގެ މަސްނުކެއުމާއި،  ބަލި ފެތުރޭ ހިސާބުތަކުގައި ވެސް ރަނގަޅު ގޮތުގައި އުފުލައި ހަދައި، ރަނގަޅަށް ރޯފިލުވައިގެން ކައްކާފައިވާ އެއްގަމު މަހުގެ އުފެއްދުންތައް ބޭނުންކުރެވިދާނެއެވެ. 

ކޮންމެއަކަސް މިއަދު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާތީ ސަރުކާރުން ކުރަމުންދާ ކަންކަން ތަންފީޒް ކުރުމަށް ފަރުދީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމާއި، ބަލި ފެތުރުން ކުޑަކުރުމަށް ދަތުރުފަތުރު ކުރާއިރު ސަމާލުވާންޖެހޭ ކަންތައްކަކެއް ހުރިކަން މިފަުރުސަތު ފާހަގަ ކޮށްލަމެވެ.

އެގޮތުން ކެއްސާ، ރޯގާޖެހި ހުން އަންނަ ނަމަ ދަތުރުނުކުރުން ރައްކާތެރި ކަމެއް ނޫނެވެ.  ކެއްސާ، ހުން އައިސް، ނޭވާލާން އުދަނގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން އަދި ޑޮކްޓަރަށް ދައްކާއިރު ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޑޮކްޓަރާއި ހިއްސާކުރުން ވަަރށް މުހިންމެވެ. ހުން އައިސް ކެއްސާ މީހުންނާއި ގައިގޯޅިނުވުމަކީ ވަަރށް މުހިންމު ކަމެކެވެ.  ދަތުރު މަތީގައި ބަލިވެއްޖެނަމަ، ބޯޓުގެ ފަޅުވެރިއަކަށް މައުލޫމާތު ހިއްސާކޮށް، ޞިއްޙީ އެހީތެރިކަން ހޯދުން  ޖެހޭނެއެވެ. އަދި މިފަދަ ހާލަތުގައި ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޞިއްޙީ އެހީތެރިޔާއާއި ހިއްސާކުރުމަކީ އިތުރަށް ބަލި ފެތުރުން ހުއްޓުވޭނެ ކަމެކެވެ. އެހެން ކަމުން ކޮރޯނާ ވައިރަހުގެ މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ގޭގައި ތިބެގެން ވެސް ގިނަ ކްނަތައްތަކެއް ކުރެވިދާނެކަން ގަބޫލު ކުރައްވައި ސިއްހީ މާހިރުންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެ ގުޅިގެން ކުރަން ޖެހިފައިވާ ކަމެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: