ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނަށް 4900 އަށް ވުރެ ގިނަ ސޮއި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ފެށި ޕެޓިޝަނަށް 4950 ސޮއި ހަމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ އިނާޔަތްތައް ކަނޑާލަން ގޮވާލައި މި މަހުގެ 12 ވަނަ ދުވަހު މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް އީޕެޓިޝަނެއް ފެށީ، އައްސޭރި، ސ. މަރަދޫފޭދޫ، މިދުއަމް ސައުދެވެ. މިއަދުގެ ނިޔަލަށް އެ ޕެޓިޝަނަށް ވަނީ 4951 ސޮއި ހަމަވެފައެވެ.

މަޖިލީހުން ޕެޓިޝަންތައް ދަރަޖަކުރާ ގޮތަށް ބަލާއިރު، އެ ޕެޓިޝަނަށް ވަނީ މަޖިލީހުގެ ޖަލްސާއެއްގައި އެ މައްސަލައާމެދު ބަހުސްކުރަން ހަމަވާންޖެހޭ މިންވަރަށް ސޮއި ހަމަވެފައެވެ.

އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ މަޖިލިސް މެންބަރުން އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ އެ ގާނޫނުތަކުގެ ނަތީޖާއެއްގެ ގޮތުން އުމުރު ދުވަހަށް ރައްޔިތުންގެ ފައިސާއިން ރާއްޖެއާއި ސާކް ގައުމުތަައް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސްއަކަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަން ޖެހެއެވެ. އެއީ ޖުމްލަ 19 ގައުމު ކަމަށް ވާއިރު އޭގެ ތެރޭގައި މެލޭޝިއާ ތައިލެންޑު އަދި ސިންގަޕޫރުވެސް ހިމެނެއެވެ.

އޭގެ އިތުރުން، ގައުމުގެ ސިއްހީ ނިޒާމު އާރާސްތުކޮށް ރަނގަޅުކުރަން ހަދަންޖެހޭ ގާނޫނާއި ގަވަައިދު ހެދުމުގެ ޒިންމާއާއި ސަރުކާރާއި ސިއްހީ ވުޒާރާ ޖަވާބުދާރީ ކުރުވަން ތިބި ބަޔަކީ މަޖިލިސް މެންބަރުންނަށް ވާހިދު އެ މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް ޕްރިމިއަމް އިންޝުއަރެންސް ދިނުމުން އެ މެންބަރުން ތަމްސީލް ކުރާ ރައްޔިތުން ސިއްހީ ކަންކަމުގައި ތަހައްމަލްކުރަން ޖެހޭ ތަކްލީފުތައް މެންބަރުންނާއި މެންބަރުންގެ އާއިލާތަކުން ތަޖުރިބާ ކުރައްވަން ޖެހިވަޑައިނުގަންނަވާނެކަން ފާހަގަކޮށް ޕެޓިޝަނުގައި ވަނީ އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން މެންބަރުން މަސައްކަތް ކުރަންޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށެވެ.

2015-2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100،000،000 އެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް އެ އިންޝުއަރެންސް ދޭން ޖެހޭތީ އެ އަދަދުތައް ދާނީ އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވަމުން ކަމަށް ވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލްކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގްތިސާދުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާތަކުން ފެންނަ ގޮތުގައި ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ގައުމެއް ދުނިޔޭގައި ނެތެވެ.“ ޕެޓިޝަނުގައި ވެއެވެ.

ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންްސް އަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށާއި ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު މޮޅު ބޮޑު ސިއްހީ އިންޝުއަރެންސް އަކަށް ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: