ރައްޔިތުން އެދޭ ފެންވަރުގައި ރައްޔިތުންގެ މަޖިލީހަށް މަސައްކަތްކުރެވޭނަމަ މެމްބަރުންގެ ހެލްތު އިންޝުއަރެންސްއާއި މުސާރައާއި އިނާޔަތްތަކާ މެދު ކަންބޮޑުވުމެއް ނޯންނާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެމްބަރުންނަށް ލިބޭ އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި މީކާއިލް ވިދާޅުވީ، އެ ޕެޓިޝަނަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ.
މީކާއިލް ވިދާޅުވީ، މެމްބަރުންގެ މުސާރައާއި އިނާޔަތާއި އިންޝުއަރެންސްއާ މެދު ކަންބޮޑުވުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ފެންވަރާ ގުޅިގެން ކަމަށެވެ. ރައްޔިތުން އެދޭ ފެންވަރެއްގައި މަސައްކަތް ކުރެވޭނެނަމަ، ދުވަސްދުވަސްކޮޅުން މުސާރައާއި އިނާޔަތާއި އިންޝުއަރެންސްއާމެދު ވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަކީ ޕާފޯމްނުކުރެވޭ އަދި ރައީސް އޮފީހުގެ ޑެސްކަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަނަމަ އެއިން އެއްވެސް ކަމެއް ހައްގު ކަމަކަށް ރައްޔިތުން ނުދެކޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ އަމިއްލަ ކަރާމާތް ނަގާލަނީ ހަމަ އެ މެމްބަރުން އަމިއްލައަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ރައްޔިތުންގެ މަޖިލީހަކީ ޕާފޯމްނުކުރެވޭ އަދި ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަނަމަ، މިދޭ އިނާޔަތެއް ވެސް އިންޝުއަރެންސްއެއް ވެސް ހައްގު ކަމަކަށް އެ މީހުންނެއް ނުދެކޭނެ،“ މީކާއިލް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދީފައިވާ އަގުބޮޑު މެޑިކަލް އިންޝުއަރެންސް ޕެކޭޖު އުވާލުމަށް އެދި ޕެޓިޝަން ފެށީ އާންމުންގެ ޖަމިއްޔާގެ ފައުންޑަރ މިދުއަމް ސައުދެވެ. އެ ޕެޓިޝަނަށް 7225 ސޮއި ހަމަވެފައިވާއިރު، އެ ޕެޓިޝަންގެ ބަހުސް ބާއްވާފައި މިވަނީ މިއަދުއެވެ.
މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި ދައުރު ނިމޭ ކޮންމެ މެންބަރަކަށް އުމުރުދުވަހަށް މި އިނާޔަތް ދޭންޖެހުމަކީ ދައުލަތުގެ ބަޖެޓަށް އަހަރަކަށްވުރެ އަހަރެއް ބުރަބޮޑުވާނެކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

