ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ އިންޝުއަރެންސްއާ ގުޅޭ ޕެޓިޝަން ހުށަހެޅީ މަޖިލީހަށް ނާދެވިގެން، ހޮވިއްޖެނަމަ ދައްކާނީ އެހެން ވާހަކައެއް: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުންގެ އިންޝުއަރެންސްއާ ގުޅޭ ޕެޓިޝަން ހުށަހެޅި ފަރާތް އެ ޕެޓިޝަން ހުށަހެޅީ މަޖިލީހަށް ނާދެވިގެން ކަމަށާއި މަޖިލީހަށް ހޮވިއްޖެނަމަ އޭނާ ވެސް ދައްކާނީ އެހެން ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެމްބަރުންނަށް ލިބޭ އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި ސަލީމް ވިދާޅުވީ، މަޖިލީހަށް ނުހޮވޭ މީހުން އެ ވާހަކަ ވަރަށް ބާރަށް ދައްކާނެ ކަމަށާއި ހޮވުމުން މަޖިލީހަށް އައުމުން ދައްކަނީ މުސާރައާއި އިނާޔަތް ބޮޑުކުރަންޖެހޭ ވާހަކަ ކަމަށެވެ. އަދި ޕެޓިޝަން ހުށަހެޅި މީހާ ވެސް މަޖިލީހަށް އައުމަށްފަހު އެއާ ހިލާފަށް ވާހަކަ ދައްކާނެ ކަމަށާއި އެ ވާހަކަތައް މިހާރު ދައްކަނީ މަޖިލީހަށް ނާދެވިގެން ކަމަށް ސަލީމް ވިދާޅުވިއެވެ.

”މިހާރު ތި ހުށަހެޅި މީހާ މި މަޖިލީހަށް އައިސްބަލަ. އައުމާއެކު ބުނާނެ މިއިން އެއްވެސް އެއްޗެއް ކަމަކު ނުދެއޭ، މި މާ ކުޑައޭ. އިންޝުއަރެންސް ވެސް ތިމަންނަމެން އެބަޖެހެއޭ 20 ލައްކަ ރުފިޔާ ހަރަދުކުރަން. މި ވާހަކަ ދައްކަނީ މިތަނަށް ނާދެވިގެން،“ ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ، ދައުލަތުން ބޭސްފަރުވާގެ ކަންކަމަށް މެމްބަރަކަށް ލިބެނީ މަހެއްގެ މައްޗަށް އެންމެ ދެހާސް ރުފިޔާ ކަމަށެވެ. ނަމަވެސް، ކޮންމެ މެމްބަރަކީ ވެސް ބޭސްފަރުވާ ކޮށްދޭން ތިބި ބައެއް ކަހަލަ ބައެއް ކަމަށާއި ކޮންމެވެސް މީހަކު ބަލިވެގެން ހޮސްޕިޓަލަށް ގޮސް ނޫޅޭ އެންމެ ދުވަހެއް ވެސް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހެއްގެ ހުޅެއް ބިންދައިގެން ނުވަތަ ފައި ބިންދައިން ފަދަ ކަންކަމަށް ހޮސްޕިޓަލަށް ދާއިރު އެއިން ކޮންމެ ފަހަރަކު އެއްލައްކަ ސައުވީސް ހާހަށް ވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތުން ހަރަދުވާކަމަށް އޭނާ ވިދާޅުވިއެވެ. އެއާ ހިލާފަށް މަޖިލިސް މެމްބަރަކު ބަލިވެއްޖެނަމަ ލިބެނީ 2000 ރުފިޔާ ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ތެރެއިން ހިނގާ ހަރަދެއް ނޫން ކަމަށާއި އެއީ އިންޝުއަރެންސް ކުންފުނިން ދައްކަންޖެހޭ ހަރަދެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

”އިންޝުއަރެންސް ކުރީމާ ލިބޭ އެއްޗެއް އިންޝުއަރެންސް ކުންފުނިން މިދެނީ. އެއީކީ ދިވެހި ދައުލަތަށް އޮތް ބޮޑު ބުރައެއް ނޫން. ދިވެހި ދައުލަތަށް ވަރަށް ލުއިކޮށް އޮތީ. އެކަމަކު އަޅުގަނޑުމެން އާސަންދައިގެ ތެރެއަށް ވަދެއްޖެއްޔާ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ހަރަދު މާ ބޮޑުވެގެންދާނެހެން،“ ސަލީމް

މަޖިލީހުގެ 80 އިންސައްތައަށް ވުރެ ގިނަ މެމްބަރުންނަކީ ޒުވާނުން ކަމަށްވާއިރު، ބޭސްފަރުވާއަށް ގޮސް އުޅޭނީ ވެސް އޭނާ ކަހަލަ ހައެއްކަ މެމްބަރުން ކަމަށް ސަލީމް ވިދާޅުވިއެވެ.

އެހެން އޮތް ކަމެއްގައި އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އިންޝުއަރެންސް އަދި މުސާރައާ ނުލައި ވެސް އޭނާއަށް އުޅެވިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންނަމަވެސް، ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރައިގެ އޮނިގަނޑުތަކާއި އެހެން މަންފާތައް ލިބޭ އުސޫލުތައް އޮންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެ މަގާމުތަކަށް އަންނަނީ އާންމުންގެ ގޮތުގައި ތިބެފައި ކަމަށެވެ.

އާންމުންގެ ގޮތުގައި ތިބެފައި މަޖިލީހަށް ހޮވުމުން އަދި މަގާމަކަށް އައްޔަންކުރުމުން ލިބޭ އިނާޔަތްތަކެއް މަޖިލީހުން ލިބޭނެކަން ސަލީމް ފާހަގަކުރެއްވިއެވެ. ސަރުކާރަށް ވަނުމުން ލިބޭ މުސާރައެއް ސަރުކާރަށް ނުވަންނަ މީހަކަށް ނުލިބޭނެކަން ފާހަގަކުރައްވައި އޭނާ ސުވާލު އުފެއްދެވީ، އާންމުންނަށް އެ މުސާރަތައް ނުލިބޭތީ އެ މުސާރަތައް ދިނުން ހުއްޓާލަންވީތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: