2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ އެންމެ ބޮޑު ސަބަބަކީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނާއި އެއް ހަމައެއްގައި މަސައްކަތްޕުޅު ކުރައްވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ރައްޔިތުންގެ ހާލު މިވަރަށް ބައްލަވާފައިނުވާ ކަމަށެވެ. އަދި މާލޭގައިވެސް ގިނަ އަދަދެއްގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރައްވަމުން ގެންދަވާކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި ކޮމިޓީތަކާއި ބައްދަލު ކުރައްވާ ޤައުމުގެ ހާލަތު ސީދާ އެމަނިކުފާނު ބައްލަވަމުން ގެންދަވާކަން ސަލީމް ފާހަގަކުރެއްވިއެވެ.
”ރައީސް ޑރ. މުއިއްޒުއަށް ތާއީދުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާއި އެއް ހަމައެއްގައި މަސައްކަތްޕުޅު ކުރައްވާތީ. މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދެފަހަރު ނޫނީ ތިންފަހަރު ނޫނީ ހަތަރު ފަހަރަށްވެސް އެމަނިކުފާނު ވަޑައިގެންފި. ރައްޔިތުންގެ ހާލު ބައްލަވައިފި. އަދި މިހާތަނަކަށް ދެއަހަރު ބައިގެ ތެރޭގައި ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ވެރިއަކު މިވަރަށް ރައްޔިތުންގެ ހާލު ބައްލަވާފަކައެއް ނެތް،“ ސަލީމް
ސަލީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާ އެ ޝަކުވާތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އެފަދަ ކަމެއް ރާއްޖޭގެ ތާރީހުންވެސް ފެނިފައިނުވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ރައީސް ޑރ. މުއިއްޒު ގިނަ ރައްޔިތުންތަކަކާ ބައްދަލުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ސަލީމް ވިދާޅުވިއެވެ.
”ރައީސަކަށް ހުންނަވާ ބޭފުޅަކަށް ހަތަރު ލައްކަ މީހުންނާއި ވަކިވަކިން ބައްދަލުނުވެ ހިނގައިދާނެ އެކަމަކުވެސް ގިނަ އަދަދެއްގެ ބަޔަކާއި އެމަނިކުފާނު ބައްދަލު ކުރައްވާނެކަން ޔަގީން. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ރައީސް 2028 ގައި ބަހައްޓަން،“ ސަލީމް
މީގެ ކުރިން ވެރިކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެމަނިކުފާނު އަޅުއްވާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން ފައިދާކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާގުންނެވެ.

