މީހެއްގެ ވަޒީފާ ގެއްލުމަށްވުރެ މުޅި ޤައުމު ގެއްލި ހަލާކުވުމުން އަޅުގަނޑުމެންނަށް މާ އުނދަގޫވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް އެހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރުމަށް ޓަކައި ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ވަޒީފާގައި ނޫންކަމަށާއި އެހެންނަމަވެސް ވަޒީފާގައި ނެތް ފަރާތްތަކުގެ ހައްގުތައްވެސް ސަރުކާރުން ހިމާޔަތްކޮށްދޭންޖެހޭ ކަމަށެވެ. މީގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތަކާ ގުޅުންހުރި ކަންތައްތައް ބެލެހެއްޓުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލުކުރުމަކީވެސް މުވައްޒަފުންގެ ހައްޤުގައި ކުރެވުނު ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުންނަށް ކުރިމަތިވާ ގެއްލުންތަކަކީ ޤައުމީ ސަލާމަތުގެ މައްސަލައެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމަކީ މިސަރުކާރުން އެޅުއްވި ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. މިކަމުންވެސް ހާމަވެގެންދަނީ މި ސަރުކާރުން މުވައްޒަފުންނާ ދޭތެރޭ ބަހައްޓަވާ ހާއްސަ އަހަމްމިއްޔަތުކަން ކަމުގައި ސަލީމް ވިދާޅުވިއެވެ. އަދި ސަރުކާރުން އަޅާމުންދާ ފިޔަވަޅުތަކަކީ ހަރުދަނާ، ރަނގަޅު ފިޔަވަޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިކަންކަމާއި ދޭތެރޭ އެންމެންވެސް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް ކުންފުނިތަކަށް ބޭނުންވާވަރަށްވުރެ އިތުރަށް މުވައްޒަފުންނަށް ވަޒީފާ ދީ ކުންފުނިތައް ނުހިންގޭ ހިސާބަށް ގޮސް މުވައްޒަފުން މަދުކުރިކަމަށް ސަލީމް ވިދާޅުވިއެވެ.
”މީހެއްގެ ވަޒީފާ ގެއްލުމަށްވުރެ މުޅި ޤައުމު ގެއްލި ހަލާކުވުމުން އަޅުގަނޑުމެންނަށް މާ އުނދަގޫވާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ވަޒީފާގައެއް ނޫން އެހެންނަމަވެސް ވަޒީފާގައި ނެތް ފަރާތްތަކުގެ ހައްގުތައްވެސް ސަރުކާރުން ހިމާޔަތްކޮށްދޭނެ.“ ސަލީމް
ސަލީމް ވިދާޅުވީ، މިއަދުގެ ސަރުކާރަށް ދިމާވެގެން މިއުޅެނީ އެކަކުވެސް އެއްވެސް ވަރަކަށް ހީނުކުރާ ކަމެއް ކަމަށެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރަތްކުރައްވާ ސަލީމް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރުވެސް ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުން މުވައްޒަފުން މަދުކުރިކަމަށެވެ. އަދި ބައެއް ޤައުމުތަކުގައި އެއް ގަޑިއިރަށް ނޫނީ ދެގަޑިއިރަށް ކަރަންޓު ކަނޑާލާފައިވާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، މިއާ ހިލާފަށް ރާއްޖޭގައި އޮޅިގެން ފަސް މިނެޓަށް ކަރަންޓު ކެނޑުނަސް ބޮޑު މައްސަލައަކަށް ވާކަމަށެވެ.
”ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރުވެސް ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުން މުވައްޒަފުން މަދުކުރި، ބައެއް ޤައުމުތަކުގައި އެއްގަޑިއިރަށް ނޫނީ ދެގަޑިއިރަށް ކަރަންޓުވެސް ކަނޑާލި، އެކަމަކު ރާއްޖޭގައި އޮޅިގެން ފަސް މިނެޓަށް ކަރަންޓު ކެނޑުނަސް މައްސަލަތަކެއް ދިމާވޭ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،“ ސަލީމް
ސަލީމް ވަނީ އެ ސަބަބުތަކަށް ޓަކައި ދައުލަތެއް ދެމެހައްޓުމަށް ވަގުތާއި ހާލަތައް ބަލާ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް މުޅި ޤައުމުގެ މަސްލަހަތު ހެފަހައްޓަން ޖެހިވަޑައިގަންނަވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުން އެމަނިކުފާނުގެ މައްޗަށް ލާޒިމްވާނެކަމަށް ވިދާޅުވެފައެވެ.
އެފަދަ ކަންކަމަށް އެއްވެސް ވަރަކަށް ނުވިސްނާ އަމިއްލަ ނުވަތަ ސިޔާސީ މަންފާއަކަށް ޓަކައި ބޭކާރު ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މީހެއްގެ ވަޒީފާއެއް ގެއްލުމަށްވުރެ މުޅި ގައުމު ގެއްލިގެން ލިބޭ ގެއްލުން މާބޮޑުވާނެކަން އޭނާ ތަކުރާރުކުރެއްވިއެވެ.
އޭގެ އިތުރުން، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުކުރި ހިސާބުން ފެށިގެން ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވިކަމަށާއި ކޮރަޕްޝަން މުޅިން ނައްތާލުމަކީ ދަތި ކަމެއް ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން އެކަން ކޮންޓްރޯލް ކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

