ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާގެ ބިލަށް ގެނައި އިސްލާހު: ”ފަންނީ އެއްވެސް ބައެއްގެ ލަފައެއް ނުހޯދާ، ވިޔަފާރިތައް ބަނގުރޫޓުވެދާނެ“

އިއްޔެ އޮތް މާލިއްުޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޑރ. ޝަމްހީދު --
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުފައިސާއާ ބެހޭ ބިލަށް ގެނެވުނު އިސްލާހަކީ ފަންނީ އެއްވެސް ބޭފުޅެއްގެ ބަހެއް ނެތި ކޮމިޓީން ނިންމި ނިންމުމެއްކަމަށާއި އެ ބަދަލުގެ ސަބަބުން ޑޮލަރު ލިބުން މިހާރަށްވުރެ ދަތިވެ، އާންމު ވިޔަފާރިއަށް ޑޮލަރު އެއްވެސް ގޮތަކަށް ނުލިބުމުގެ ބިރު އެބަ އޮތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތިން ބޭރު ފައިސާ ވިއްކާނަމަ އަދި ބޭރު ފައިސާގެ އަގު ބޮޑުވާކަމުގެ ހަބަރު ޝާއިއުކުރާނަމަ ޖޫރިމަނާކުރެވޭ ގޮތަށް ބޭރުފައިސާއާ ބެހޭ ބިލަށް ގެނެވުނު އިސްލާހަށް ކޮމިޓީގައި ވޯޓު ނުދެއްވި ސަބަބުތައް ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބޭރު ފައިސާގެ ބިލަށް މާލިއްޔަތު ކޮމިޓީގައި އިސްލާހު ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހުއެވެ. މަމްދޫހު ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓު ނުދެއްވި ސަބަބުތައް ބަޔާންކޮށް ޝަމްހީދު ވިދާޅުވީ، އެ އިސްލާހަށް ވޯޓު ނުދެއްވީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮންނަ ގާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއާ އެ އިސްލާހު ތައާރަޒުވުމާއި އަދި ގާނޫނުގެ ސަބަބުން ޑޮލަރު ލިބުން މިހާރަށްވުރެ ދަތިވެ، އާންމު ވިޔަފާރިއަށް ޑޮލަރު އެއްވެސް ގޮތަކަށް ނުލިބުމުގެ ބިރު އޮތުމުން ކަމަށެވެ.

އޭގެ އިތުރުން އެ ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި އެއްވެސް ފަންނީ ބޭފުޅެއްގެ ލަފާ ހޯދައިގެން ނޫންކަން ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.

”ބިލަށް ވޯޓް ނުދިނީ މައިގަޑު 2 ސަބަބާހެދި: ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި މިގާނޫން ތައާރަޒުވާތީ. މި ގާނޫނުގެ ސަބަބުން ޑޮލަރު ލިބުން މިހާރަށްވުރެ ދަތިވެ، އާންމު ވިޔަފާރިއަށް ޑޮލަރު އެއްވެސް ގޮތަކަށް ނުލިބުމުގެ ބިރު އޮތަތީވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރިތައް ބަގުރޫޓުވެ ބައެއްކަހަލަ މުދާ އެތެރެކުރުން ހުއްޓުމަކަށް އައިސް ތަކަތީގެ އަގު ހީވެސް ނުކުރާވަރަށް ބޮޑުވެގެން ދިއުމުގެ ބިރު އެބައޮތް،“ ޝަމްހީދު

 

ޝަމްހީދު އެހެން ވިދާޅުވީ ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހުއަށް ރައްދު ދެއްވަމުންނެވެ. މަމްދޫހު އެކްސްގައި ވިދާޅުވެފައިވަނީ، މާޒީއަށް ބަލާލުމުންވެސް މިހާތަނަށް ޑޮލަރުގެ ކަޅު ބާޒާރާއި ދެކޮޅަށް ސަރުކާރުތަކުން ކޮށްފައިވާ ކޮންމެ ކަމަކާ އެމްޑީޕީ ދެކޮޅުވާނެ ކަމަށެވެ. ސިއްރުގައިވެސް އަދި ފާޅުގައިވެސް އިސްތިހާރުކޮށް، ޕްރޮމޯޓުކޮށްގެން ޑޮލަރު ވިއްކުން މަނާކުރުމުން އެމްޑީޕީ އަދި މާރުޅިގަދަ ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ކަޅުބާޒާރުގައި ޑޮލަރު ވިއްކުން މަނާކޮށް ބިލަށް ގެނެވުނު އިސްލާހާ މިއަދުވެސް އެމްޑީޕީ ދެކޮޅު. މާދަންވެސް ދެކޮޅުވާނެ. ސިއްރުގައިވެސް އަދި ފާޅުގައިވެސް އިސްތިހާރުކޮށް، ޕްރޮމޯޓުކޮށްގެން ޑޮލަރު ވިއްކުން މަނާ ކުރުމުން އެމްޑީޕީ އަދި މާރުޅިގަދަ ވެއްޖެ. މިދާވަރުން މިޑޮލަރުގެ ކަޅު ބާޒާރުގެ ފަހަތުގައި ތިބީ ކޮން ބައެއްކަންވެސް އަދި ދިވެހީންނަށް ފާޅުވާ ވަރަށް ތިލަވާނެ. ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާ، އެކިއެކި ދޮގު ސަބަބު ދައްކަމުން މިއަދުވެސް އެންމެ ދެކޮޅު މިހަދަނީ، އެމްޑީޕީން. ވިސްނާލަންވީ ކީއްވެގެންތޯ؟“ މަމްދޫހު 

ބޭރު ފައިސާއާ ބެހޭ ބިލަށް މާލިއްޔަތު ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެކެވެ. އެހެންނަމަވެސް އެމްއެމްއޭގެ ގާނޫނުގައި ވެސް އެއީ ކުށެއް ކަމަށް ކަނޑައަޅައި ޖޫރިމަނާތަކެއް ކަނޑައަޅާފައި އޮވެއެވެ.

އިސްތިހާރު ކުރުމާއި ޕްރޮމޯޓުކުރުމަކީ އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގެއްގައި ބޭރު ފައިސާ ވިއްކުން އިސްތިހާރުކުރުމަށް ނުވަތަ އެކަމަށް ހިތްވަރުދިނުމަށް ނުވަތަ ފެތުރުމަށް ޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ފްލެޓްފޯމަކުން އާންމުކޮށް އެފަދަ މައުލޫމާތު ފެތުރުމާއި ޝާއިއުކުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުން ކަމަށް ހިމަނާފައިވެއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ 25،000 ރ. އާއި 500،000 ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެ ކުށެއް ކުރުމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ބައިވެރިވާނަމަ އަދަބަކީ 100000ރ. އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅާ، ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭން ކަނޑައަޅާ އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑުތަކަށް ވުރެ މަތި ނުވާ ގޮތަށް ކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ. ބިލުގައި ހިމަނާފައިވާ ގޮތުން އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލާ، 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެ ބިލަށް ބަދަލުގެނެސްފައި މިވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ދެ ނޫހެއްގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: