ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ ރަށްރަށުގެ މުވައްޒަފުންނަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބިރުދައްކައިގެން، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި ފެށި ޕެޓިޝަނުގައި ސޮއިކުރުވަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެބިނެޓްގެ ނިންމުމަކުން ކައުންސިލެއްގެ ބިން ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަށް ތާއީދު އޮތްކަމަށް ދައްކަން ފެށި ޕެޓިޝަނާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ބިލު ބޭރުކޮށްލަން ގޮވާލައި އާންމު ރައްޔިތުން މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައިވާއިރު، އެ ޕެޓިޝަނާ ގުޅިގެން، އެ ބިލަށް ތާއީދުކޮށް، ސަރުކާރަށް ތާއީދުކުރާ މީހުން ކަމަށް ބުނާ ބައެއްގެ ޕެޓިޝަނެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެެ.
ރައީސް ނަޝީދު ވަނީ ސަރުކާރުން ނިންމާ ކަންކަމުގައި ރައްޔިތުންގެ ތާއީދު އޮތްކަމަށް ދެއްކުމުގެ ގޮތުން އެސްއޯއީ އޮފީސްތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ޕެޓިޝަނަށް ބޭނުންވާ ސޮއި ހަމަކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އާހިރުގައި އޭގެ ގެއްލުން އޮތީ ހަމަ ސަރުކާރަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ކުރާނެކަމަށާއި އެ ގެއްލުމަކީ ރައްޔިތުންގެ ތާއީދު އޮތް މިންވަރު ހުދު ސަރުކާރަށްވެސް އޮޅުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފައި ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް މީގެ ކުރިންވެސް އިދިކޮޅު އެމްޑީޕީން ގޮވާލައިފައިވާކަން އެމަނިކުފާނު ފާހަގަކުރެވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަން ފެށިތާ 24 ގަޑިއިރު ތެރޭގައި އެ ޕެޓިޝަނަށް ވަނީ 4000 އަށް ވުރެ ގިނަ ސޮއިކޮށްފައެވެ. މަޖިލީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި މިހާރު އެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު ވަނީ 7800 އަށް ވުރެ މައްޗަށް އަރައިފައެވެ.
އެގޮތުން، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން ވިދާޅުވެފައި ވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެންކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ގާނޫނެކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނުކަން އެމްޑީޕީން ފާހަގަކުރެއެވެ. އަދި އެ ޕާޓީގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖިލީހުން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަކަމަށް އެ ޕާޓީއިން މީގެ ކުރިން ބުނެފައިވެއެވެ.
ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ހިންގާފަވާކަން ފާހަގަކޮށް މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ އެއީ ރައްޔިތުންގެ ވިސްނުމާއި އިދިކޮޅަށް ގެންނަ އިސްލާޙުތަކަށް ވެގެން ނުވާނެކަމަށް އެޕާޓީން ޤަބޫލުކުރެއެވެ.

