2028ގައި މާލެ ސަރަހައްދުގެ ގިނަ މީހުންނަށް ފްލެޓާއި ގޯތި ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގައި ރައްޔިތުން އެމަނިކުފާނާއި ހިއްސާ ކުރެއްވި ވާހަކަތައް އަޑުއެއްސެވުމަށްފަހުގައެވެ. އެ ޕްރޮގްރާމުގައި ބައެއް މީހުން ވަނީ އެ މީހުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަން ހިއްސާކޮށްފައެވެ.
ރައީސްއާއި ބައްދަލުކުރި ބައެއް ރައްޔިތުން ވަނީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އައިކަމުގައިވީނަމަވެސް މިއަދާ ހަމައަށް އައިރުވެސް އަމިއްލަ ބޯހިޔާވަހިކަން ނެތްކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި ބައެއް މީހުން ވަނީ އެމީހުންނަކީ ވަރަށް ކުރިން މާލެއަށް ބަދަލުވެފައި ތިބި މީހުންކަމަށް ވާތީ ރާއްޖޭގެ އެހެން ހިސާބަކުންވެސް އަމިއްލަ ގޯއްޗެއް ނެތްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުން ބޮޑު ކުލީގައި އުޅެންޖެހުމާއި އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ކަންބޮޑުވުންވެސް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން ޕޮރޮގްރާމްގައި ބައިވެރިވި ރައްޔިތަކު ވަނީ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅިގެން އޭނާގެ ކަންބޮޑުވުން ހިއްސާކޮށް އޭނާ މާލޭގައި ދިރިއުޅޭތާ 40 ހަށްވުރެ ގިނަ އަހަރުވެފައިވާއިރު އެއްވެސް ސަރުކާރަކުން މިހާތަނަށް ހުޅުވާލި ސޯޝަލް ހައުސިން ސްކީމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ބުނެފައިވާކަން ފާހަގަކޮށްފައެވެ.
”އަޅުގަނޑުގެ މާލޭގައި ދިރިއުޅޭތާ 48 އަހަރުވެއްޖެ. ހައުސިންގް ސްކީމްތަކަށް އެޕްލައި ކުރިއަސް އެއްވެސް ސަރުކާރަކުން އަޅުގަނޑުގެ ޝަރުތު ހަމަނުވޭ. މާދަންވެސް އަޅުގަނޑު ވަޒީފާއިން ވަކިވިޔަސް އަޅުގަނޑަކީ މަގުމަތިވާނެ މީހެއް. ދުނިޔޭގެ އެއްވެސް ތަނެއްގައި އަޅުގަނޑުގެ ގެދޮރެއް ނެތް.“ ވަޙީދު
ޕްރޮގްރާމުގައި ބައިވެރިވި އިތުރު މީހަކު ވަނީ އޭނާ 1999 އިން ފެށިގެން އޭނާ މާލޭގައި ދިރިއުޅެމުން އަންނަ އިރު މިހާ ދުވަސްވީއިރު ފުލެޓެއް ނުވަތަ ގޯއްޗެއް ލިބިފައިނުވާ ކަމަށެވެ.
”އަޅުގަނޑު 1999 އިން ފެށިގެން މާލޭގައި މި އުޅެނީ، އަޅުގަނޑަކަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފަކައި ނުވޭ“ ރައްޔިތެއް
ރައްޔިތުން ފާހަގަކުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި ވީހާވެސް އަވަހަށް ފްލެޓްތައް އަޅައި ރައްޔިތުންނަށް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެކަމަށާއި ކުރިއަށްވުރެ ކަންކަން ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ ވެރިކަމުގެ މި ދައުރުގެ ފަހު އަހަރު ކަމަށްވާ 2028 ވަނަ އަހަރު ގިނަ މީހުންނަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
”އަޅުގަނޑުމެން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވުމުގެ ޖާގަ ނުދީ އިންސާފުން ހަމަހަމަ ކަމާއިއެކު މިފަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން. އެ ޔަޤީންކަން އަޅުގަނޑު ދެން. ވީހާވެސް ގިނަ ހައުސިންގ ޕޮރޮޖެކްތައް މާލެއާއި ރަށްރަށުގައި ކުރިއަށް ގެންދާނަން،“ ރައީސް
ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުމެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައާއި، އޭގެ ފަހުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
މިއީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. ޚާއްސަކޮށް ”ފަސްޓް ހޯމް“ ނުވަތަ ފުރަތަމަ ގެ ކަށަވަރުކޮށްދިނުމުގެ ސިޔާސަތަކީ ޒުވާނުންނަށް އަމާޒުކޮށް އިއުލާނުކުރި ވައުދެކެވެ. މިދިޔަ އަހަރުގެ ބަޖެޓު ޚާއްސަ ކުރީ ބޯހިޔާވަހިކަމަށެވެ.
އެފަދަ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، މިދިޔަ އަހަރު އެ ބަޖެޓުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. އެއީ، އެ ކަމަށް ޚާއްސަކުރި ބަޖެޓުގެ އެންމެ 11 ޕަސެންޓެވެ. ބާކީ 89 ޕަސެންޓް އޮތީ އެއްވެސް ވަރަކަށް ބޭނުންނުކޮށެވެ.

