އެމްޑަބްލިޔުއެސްސީން ކުރިން ބޭނުން ކުރި އެމަޖެންސީ ހޮޓްލައިން، 105ގެ ބަދަލުގައި، ކަސްޓަމަރ ކެއަރ އާ ގުޅޭ ކަންކަމުގައި ދެން ގުޅަން ޖެހޭނީ 1575 އަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ފޯރުކޮށްދެއްމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދިއުމަކީ އަބަދުވެސް އިސްކަމެއް ދީގެން ކުންފުނީގެ މެނޭޖްމަންޓުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެގޮތުން ކަސްޓަމަރ ކެއަރގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން 1575 އަކީ އައު ކަސްޓަމަރ ކެއަރ ހޮޓްލައިން ނަންބަރުގެ ގޮތުގައި ތައާރަފްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމައެއާއެކު 105 ހާއްސަ ވެގެންދާނީ ކުންފުނީގެ އެމަޖެންސީ ހޮޓްލައިނަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
1575 ހޮޓަލައިން ނަމްބަރު ފަސޭހަކަމާއެކު ދެނެގަތުމުގެ ގޮތުން، ކުންފުނިން ކަސްޓަމުންނަށް ކުރާ ފޯނުކޯލްތައް ލިބޭއިރު ފޯނުގެ ސްކްރީނުން 1575 ނަމްބަރު ފެންނަން ހުންނާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން 105 އެމަޖެންސީ ހޮޓްލައިންގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށާއި އަދި 1575 ހޮޓްލައިންގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00އަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައި ވަނީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނާ ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. ކުންފުނީގެ ހިދުމަތްތަކާ ގުޅުންހުރި އިތުރު މައުލޫމާތާއި އެހީތެރިކަން ކުންފުނީގެ ކަސްޓަމަރ ކެއަރ ނަމްބަރު 1575 އިން ލިބެމުންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

