ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އެ ދިމާކުރަނީ ރިސޯޓު މުވައްޒަފުގެ ހަލާލު އާމްދަނީން ސަރުކާރުގެ އިސްރާފުތަކަށް ފަންޑުކުރަން: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިހާރު ދިމާކުރަނީ އިގްތިސާދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންގެ ހަލާލު އާމްދަނީން ސަރުކާރުގެ އިސްރާފުތަކަށް ފަންޑުކުރަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކުގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ މުވައްޒަފުން ވެސް ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށާއި އެއީ ގާނޫނީ ގޮތުން ކުށެއް ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ވެރިކަން ފެށުނުއިރު 17.50ރ. އަށްހުރި ޑޮލަރު މިއަދު 23ރ. ފަހަނައަޅައި މިދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެންނެއް ނޫން ކަމަށެވެ.

މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއަޕޯޓު ފީތައް ބޮޑުކޮށް، ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ނަގަމުންދާކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ލިބެމުންދާ ކަމަށެވެ. އަދި މި ފިޔަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަން ޖެހޭ ފިޔަވަޅުތަކެއް ނަމަވެސް، ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން ކަމަށާއި އަދި ސަރުކާރުން ހަރަދު ކުޑަނުކުރާތީ ކަމަށެވެ. އަދި ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް، މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދަށް ވެއްދީ މިދިޔަ މަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ސަރުކާރުގެ އިސްރާފުތަކަށް ފަންޑުކުރަން ކަމަށެވެ.

”މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ. އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހީންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރަން،“ ފައްޔާޒު ލިޔުއްވާފައިވެއެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރަށް ބެލުމެއްނެތި އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާ ސަރުކާރުގެ އިސްރާފުތަކަށް ހަރަދު ކުރުމަށް މާރުކުރަން މަޖުބޫރުކުރުމަކީ އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ފަދަ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ ދިވެހި އިގުތިސޯދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން ކަމާއި ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: