ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިތުރު މަޝްވަރާއެއް ނެތި ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށައެޅުއްވި ބިލު ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކުރީ އެކަމާއި ދެކޮޅަށް ޕެޓިޝަނެއްވެސް ހުށައަޅާއިފައި ވަނިކޮށެވެ. އެހެންނަމަވެސް އެ ބިލު ކޮމިޓީން އެެއްވެސް އިތުރު މަޝްވަރާއެއް ނުކޮށް އިސްލާހު ފާސްކޮށްފައިވާއިރު، އެ ޕެޓިޝަނަށް ވެސް ރިއާއަތް ނުކުރާކަން ފާހަގަކުރެއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ކޮމިޓީން ބިލަށް ހުށައެޅި އިތުރު އިސްލާހެއްގެ ގޮތުގައި އިތުރު ބަދަލެއް ހުށައަޅުއްވާފައެވެ. އެގޮތުން ކައުންސިލުތަކުގެ އިޚްތިޞާޞުން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ހުށައަޅުއްވާފައެވެ.
އެގޮތުން އެ ހުށައެޅުއްވުމާއެކު ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ ލާމަރުކަޒީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނެވެ.
މެމްބަރު އަބްދުލްހަންނާން ހުށަހެޅުއްވި އެ ބިލުގެ މައިގަނޑު މަގްސަދު ކަމަށް ބަޔާންކޮށްފައި ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ހުށައެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ޕެޓިޝަނަށް އެވަރަށް ސޮއި ހޯދާފައިވަނީ ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނެވެ.
އެ އިސްލާހާ ދެކޮޅަށް ވެސް ޕެޓިޝަން ހުށައަޅާފައިވާއިރު އެ އެ ޕެޓިޝަނަށް ވަނީ 2307 ސޮއި ލިބިފައެވެ.

