މާލޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ދިވެހިސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާ ސަރުކާރުން 800 މީޙުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށްދިނުމަށް ނިންމާފައިވާކަން ޗައިނާ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ހާމަ ކުރައްވައިފިއެވެ.
ޗައިނާގެސަފީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންސް ކުންފުނިން 800 މީޙުން ކަރަންޓީން ކުރެވޭނެ ތަނެއް އިމާރާތް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މަސައްކަތް ކުރަން ބޭނުންވާ 100 މަސައްކަތު މީހުންގެ އިތުރުން ކަރަންޓީން ފެސިލިޓީ ގާއިމް ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޮނުވާ ދިނުމަށް ނިންމާފަިއވާ ކަމަށް ޗައިނާގެ ސަފީރުގެ ޓުވިޓުގައި ވަނީ ބުނެފައެވެ.
https://twitter.com/AmbassadorZhang/status/1254646485947301889
ކޮވިޑް-19 އާއި ގުޅިގެން ޗައިނާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ރާއްޖެއަށް އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް ދާދިފަހުން ވަނީ އެކުލަވާލާފައެވެ. އެގޮތުން ޗައިނާގެ މަޝްހޫރު އަލީބާބާގެ ފައުންޑާ ޖެކްމާ ވަނީ ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އެހީވާނެކަން ހާމަކުރައްވާފައެވެ.
ޖެކް މާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންވާ ސާމާން ސަޕްލައިކޮށްދޭނެ ކަމަށެވެ. އެގޮތުން 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ސަޕްލައި ކޮށްދިނުމަށް ވެސް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ.

