މީހަކު ރަހީނުކޮށްގެން އޭނާގެ އަތުން ކާރެއް އަތުލަން އުޅުނު މައްސަލައިގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސ. ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ.) އެހެން މީހަކާ ޖެހުނު މައްސަލައެއްގައި ގެއެއްގައި އެ މީހާ ރަހީނުކޮށް ތޫނު އެއްޗެހި ބޭނުންކޮށްގެން އަނިޔާކުރި މައްސަލައެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.
މި މައްސަލައިގައި ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި ދައުވާ ލިބުނު އިބްރާހިމް ސައީދާއި ރަހީނުކުރުމުގެ ޝިކާރައަކަށްވި ޝާހީން އަލީ ނަމަކަށް ކިޔާ މީހާ އަކީ އެކަކު އަނެކަކު ދަންނަ، ދެކެފަރިތަ ދެ މީހުންނެވެ. ދައުވާކުރި ހާދިސާގެ ކުރިން އެ ދެ މީހުން ފިހާރައެއްގެ ތެރޭގައި ތިއްބައި އިބްރާހިމް ސައީދާއި އޭނާގެ އަންހެނުންނާ ދެމެދު މައްސަލައެއް ޖެހިގެން އިބްރާހިމް ސައީދު އޭނާގެ އަންހެނުންގެ އަތް ދަބަސް ފޭރިގަނެގެން ދިޔައެވެ. އެކަން އެނާގެ އަންހެނުން އިބްރާހިމް ސައީދުގެ ދޮށީ ދަރިފުޅުގެ ސަމާލުކަމަށް ގެނައުމުން އިބްރާހިމް ސައީދު އެ އަތް ދަބަސް އަނބުރާ އަންހެނުންނަށް ރައްދުކުރަން ހަވާލުކުރީ ޝާހީންއާއެވެ.
އެ ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ އަތް ދަބަސް ހަވާލުކުރިއިރު ދަބަހުގައި ހުރި އަގުބޮޑު ބައެއް ތަކެތި ނެތްކަން އެނގުނު ހިސާބުންނެވެ. އިބްރާހިމް ސައީދު ތުހުމަތުކުރި ގޮތުގައި އަންހެނުންގެ އަތްދަބަހުން ތަކެތި ނެގީ ޝާހީންއެވެ. ނަމަވެސް، އެކަމަށް އިންކާރުކޮށް ޝާހީން ބުނެފައިވަނީ އޭނާއާ އަތް ދަބަސް ހަވާލުކުރި ހިސާބުން ފެށިގެން އެ ދަބަސް ހަވާލުކުރަންދެން އިބްރާހިމް ސައީދު ފެންނަ ހިސާބުގައި ހުރި ކަމަށެވެ.
ޝާހީން ހެކިބަސް ދެމުން ބުނެފައިވަނީ، އިބްރާހިމް ސައީދު އޭނާގެ އަންހެނުންނަށް ގުޅައި، ޝާހީންއަށް މަޖުބޫރުކޮށްގެން، އަތް ދަބަހުގައި ހުރި ތަކެތި ގެންދިޔަ ކަމަށް އަންހެނުން ގާތުގައި ބުނުވީ ކަމަށެވެ. އެކަން އޭނާގެ އަންހެނުން ވެސް ގަބޫލުނުކުރާއިރު، އަންހެނުން ވެސް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ދަބަހުގައި ހުރި ތަކެތި ގެންދިޔައީ އިބްރާހިމް ސައީދު ކަމަށެވެ.
އެކަމާ ރުޅި އައިސް، ޝާހީން ގެއަކަށް ގެންގޮސް، އެ ގެއިން ނުނިކުމެވޭ ގޮތަށް އިބްރާހިމް ސައީދު އޭނާ ހިފެހެއްޓިއެވެ. އޭނާގެ މައްޗަށް އުުފުލި ދައުވާތަކުގައިވާ ގޮތުން އޭނާ ވަނީ 2 ޖުލައި 2025ގެ 19:30 އިން ފެށިގެން އޭގެ އަނެއް ދުވަހުގެ 11:15 ހާއިރު ވަންދެން ޝާހީން އަލީ އޭނާގެ ނުރުހުމުގައި ހިފަހައްޓައި އެކި ފަހަރު މަތިން އަނިޔާކޮށްފައެވެ. އެގޮތުން ދަގަނޑު ހޮޅިބުރިއަކުން އޭނާގެ ވައަތު އިނގިލީގައި އަދި ބުރަކަށީގައި ވަރަށް ބާރަށް ޖަހާފައިވެއެވެ. އެކި ފަހަރު މަތިން ހޮޅިބުރިން އަނިޔާކުރިއިރު، އޭނާގެ ނޭފަތް ވެސް ފަޅާލާފައިވެެއެވެ. އަދި ދެ ކަކުލަށް ވަޅިއަކުން ހަމަލާދީފައިވެއެވެ.
ޝާހީން ރަހީނުކޮށްގެން އިބްރާހިމް ސައީދު، އޭނާގެ މަންމައަށް ގުޅައި ބިރު ދައްކައި، މަންމަ އަތުގައި އޮތް ކާރެއް އަތުލަން ވެސް މަސައްކަތްކުރިކަން ހުކުމުގައި ފާހަގަކުރި ކަންކަމުން އެނގެއެވެ. އެގޮތުން، އެ ކާރުގެ މިލްކުވެރިކަން ހޯދަން ޝާހީންގެ ނަމުގައި ސިޓީއެއް ލިޔެ އެ ސިޓީގައި ޝާހީންގެ އިނގިލީގެ ނިޝާން ޖަހުވައި، އެ ސިޓީ ޖީބަށް ލައިގެން އުޅެފައިވާކަން ހެކިބަހުން އެނގެއެވެ.
ޝާހީންގެ މަންމަ ހެކިބަސް ދެމުން ބުނެފައިވަނީ، ދަރިފުޅު ރަހީނުކޮށްގެން އިބްރާހިމް ސައީދު އޭނާއަށް ގުޅައި އޭނާގެ އަތުން 50،000 ރުފިޔާ ނުވަތަ ކާރު އަތުލަން މަސައްކަތް ކުރި ކަމަށެެވެ. 50،000 ރުފިޔާ ނެތް ވާހަކަ ބުނުމުން ކާރު އަތުލަން މަސައްކަތް ކުރި ކަމަށާއި ފޯނުން ގުޅިއިރު ވެސް އަނިޔާކުރާތީ ދަރިފުޅު ރޮއެ، ކާރު ދިނުމަށް އެދެމުންދިޔަ ކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ. އަދި ފަހުން އިބްރާހިމް ސައީދު ގުޅާފައި ކާރާ ހަވާލުވާން ބަޔަކު ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރަހީނުކުރި މީހާގެ އާއިލާއިން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ސަލާމަަތްކުރަން ފުލުހުން އެ ގެއަށް ވަންއިރު، އިބްރާހިމް ސައީދު ހުރީ ދޮރުފަތެއްގެ ފަހަތުގައި ފިލައެވެ. ފުލުހުންނަށް އޭނާ ފެނުމުން ބޭރަށް ނުކުތުމަށް އެންގުމުން އޭނާ ފިލަން ދުއްވައިގަތީއެވެ. ފުލުހުން އޭނާ އަތުލައިގަނެ ހައްޔަރުކުރި ވަގުތު އިބްރާހިމް ސައީދު ވަނީ ޝާހީންއާ ދިމާލަށް އިނގި ދިއްކޮށް، ”ކަލޭ ތި ދިޔައީ ތިމަންނަގެ މުޅި ދިރިއުޅުން ދުއްވާލާފައި، ކަމަށާއި ކަލޭ ނިންމާލާނެ“ ކަމަށް ބުނެ އިންޒާރުދީފައެވެ.
ކްރިމިނަލް ކޯޓުގައި އެކަމާ ގުޅޭގޮތުން ރަހީނުކުރުމުގެ ޝިކާރައަކަށްވި މީހާ ހެކިބަސްް ދެމުންދަނިކޮށް އެ ހާދިސާ ހަނދާންވެ، އޭނާ ހާސްވެ، ބިރުގަނެ ހާލު ކުއްލިއަކަށް ގޯސްވުމުން ހެކިބަސް ނެގުން އެހެން ދުވަހަކަށް ބަދަލުކުރަން ވެސް ޖެހުނެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތާއި ފުލުހުންނާއި ހާދިސާގެ ކަންކަން އެނގޭ އެހެން މީހުންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ވަނީ ހުކުމްކޮށްފައެވެ. ވީހާ ވެސް ލުއި އަދަބެއް ދިނުމަށް އިބްރާހިމް ސައީދު އެދުނު ނަމަވެސް އޭނާގެ އަދަބު ލުއިކޮށްދީފައި ނުވެއެވެ.
ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާގެ މައްސަލައިގައި އިބްރާހިމް ސައީދު ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ފަސް އަހަރާއި 11 މަހާއި 25 ދުވަހެވެ. އަދި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 8 އަހަރާއި 12 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.

