ރައްޔިތުންގެ މަޖިލީހުން ބިލުތައް ފާސްކުރަމުންދަނީ ކަމާ ގުޅޭ އެއްވެސް ފަރާތެއްގެ މަޝްވަރާއެއް ނެތި ކަމަށާއި މަޖިލިސް މިހާރު ބަދަލުވެފައިވަނީ ސަރުކާރުގެ ރަބަރު ސްޓޭޕު ޖަހާ ތަނަކަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެއް ފާސްކުރުމަށްފަހު އިއްޔެ މަޖިލީހުގެ ދައުރު ނިންމާލާފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސަރުކާރާ އެއްކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން ދިނުމުން ފާރަވެރިވާން ޖެހޭ މިންވަރު އިތުރުވާންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، މިއަދު ފެންނަނީ މަޖިލީހަކީ ސަރުކާރުން ފޮނުވާ ކޮންމެ ކަމަކަށް ރަބަރު ސްޓޭމްޕު ޖަހާ ތަނަކަށް ބަދަލުވެފައިވާ މަންޒަރު ކަމަށް މައުރޫފު ވިދާޅުވިއެެވެ.
މައުރޫފު ވިދާޅުވީ، މަޖިލީހުގެ ނިމިދިޔަ ދައުރުގައި ފާސްވި އެއްވެސް ބިލަކީ ކަމާ ގުޅޭ ފަރާތްތައް އެއްވެސް ވަރަކަށް ހާޒިރުކުރުމެއް ނެތި، ކޮމިޓީތައް ހިންގަން ޖެހޭ ގޮތަށް ނުހިންގައި ފާސްކުރި ބިލުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ބިލުތައް ދަންވަރު ފޮނުވައި، އޭގެ އަނެއް ދުވަހު ފުރަތަމަ ކިޔުން އިއްވައި، ކޮމިޓީއަށް ފޮނުވައިގެން އެއްވެސް މާހިރެއްގެ ލަފައެއް ނެތި ސަރުކާރުން އަންގާ ގޮތަކަށް ފާސްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
”ނިމިދިޔަ ދައުރުގައި ފާސްވެގެން މިދިޔަ އެއްވެސް ބިލަކީ އެއްވެސް ވަރަކަށް ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކުރެވި، އެ މަޖިލީހުގެ އެ ޕްރޮސެސް، ކޮމިޓީތަކުގެ އެ އޮންނަ ޑިއު ޕްރޮސެސް އެންމެ އެކަށީގެންވާ ގޮތުގައި ހިންގައިގެން ހިންގާފައިވާ ބިލުތަކެއް ކަމުގައި ނެތް ދެންނެވޭކަށް،“ މައުރޫފު ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވީ، އިގްތިސާދި ފިޔަވަޅުތައް އަޅަމުންދަނީ ދިރާސާކޮށް ތަޖުރިބާކާރު ފަރާތްތަކުގެ ލަފައާ މަޝްވަރާގެ މަތިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގައި ސަރުކާރުން ހުށަހެޅި ބިލުތައް ދިރާސާކުރަން ކަމާ ގުޅޭ އެއްވެސް ފަރާތެއް ނުގެންނަ ކަމަށެވެ. ހާއްސަކޮށް ޓެކްސް ބިލު ފަދަ ފައިސާއާ ގުޅޭ ބިލުތަކުގައި މިދިޔަ މަޖިލީހުގައި ދެ ފަރާތުގެ ބަސް ހޯދި ކަމަށާއި މަޖިލިސް ތަޅުމުގައި ވެސް ގެނައިކަން ޒިޔާދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ބިލު ވެސް ނުނިންމައި އަހަރަކަށް ވުރެ ގިނަ ދުވަސް ބާއްވާފައި، ބަންދު ދުވަހެއްގައި ރޭގަނޑު ކޮމިޓީއެއް ބާއްވައިގެން ބިލުގައި ކުރިން ނެތް ބާބެއް އިތުރުކޮށްގެން ތަޅުމަށް ފޮނުވަން ފާސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބިލަށް އިތުރުކުރި ބާބު ކުރިން ބިލުގައި ހިމެނޭ ބައިތަކަށް ވުރެ ބޮޑުއިރު، އެ ބަދަލުތަކަށް ބަހުސްކުރަން ވެސް ތަޅުމުގައި ޖާގައެއް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރަށް ވުރެ ބޮޑަށް ކަންކަމާ މަޝްވަރާކުރެވޭނެ ގޮތެއް އޮތްތޯ ބަލަން މަޖިލީހުގެ ރިޔާސަތާ ވެސް މަޝްވަރާކުރެއްވި ކަމަށާއި ނަމަވެސް ދައުރު ނިމިގެން ދިޔައީ އެކަމަށް ކުރިއެރުމެއް ނުލިބި ކަމަށް ޒިޔާދު ވިދާޅުވިއެވެ. ބައިވަރު ބިލުތަކެއް ފާސްކޮށްފައި ދައުރު ނިންމާލިއިރު، އަދި އެ ބިލުތަކަށް އަމަލުކުރަން ފަށާއިރު، ބިލުތަކުގައި ހުރީ ކޮން ވާހަތަކެއް ކަމެއް ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ވެސް ގުޅައި އެ ބިލުތަކާ ގުޅޭ ކަންކަން ނޭނގިގެން އުޅޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވީ، މަޖިލީހުގެ ނިމިދިޔަ ދައުރަކީ ބިލުތައް ފާސްކުރަން ޖެހުުނު ސަބަބުތަކެއް ވެސް ނޭނގޭ ގޮތަށް ބިލުތައް ފާސްކުރި ދައުރެއް ކަމަށެވެ. އެގޮތުން ކަންކަމުގައި މަޝްވަރާކުރާ ކަމަށް ސަރުކާރުން ބުނާއިރު، 40 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުކުރި ބިލު ފާސްކުރީ ޓޫރިޒަމް އިންޑަސްޓްރީގެ މަޝްވަރާއެއް ނެތި ކަމަށް އެ އިންޑަސްޓްރީގެ ފަރާތްތަކުން ވެސް ބުނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުޑޫ ވިދާޅުވީ، ބިލެއް އިސްލާހުކުރަން ފުރުސަތު ނުލިބޭއިރު، މިހާރު ހިނގަނީ ރައްޔިތުންގެ ބައިވެރިން އޮތް މަޖިލީހެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ރައްޔިތުންގެ ބައިވެރިވުން އޮތްނަމަ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް ބިލެއް އިސްލާހުކުރާނެ ފުރުސަތެއް ނުލިބޭ. ރައްޔިތުންގެ ބައިވެރިވުން އޮތް މަޖިލީހެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު މި ހިނގަމުން ދަނީ. ރައްޔިތުންގެ ބައިވެރިވުން އޮތްނަމަ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ،“ ކުޑޫ ވިދާޅުވިއެވެ.
ސަރުކާރު އޮފީސްތަކަށް އެކި ކަންކަމުގައި ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭތީ، އެ ކަންބޮޑުވުން ވެސް މެމްބަރު ކުޑޫ ފާޅުކުރެއްވިއެވެ. އޭގެ އިތުރުން ކުޑޫ ވަނީ އެމްޑީޕީން ހުށަހަޅާ އިސްލާހުތައް، ބޭރުކޮށްލުމަށްފަހު ސަރުކާރަށް ތާއީދުކުރާ މެންބަރުން އެ މެންބަރުންގެ އެއްޗަކަށް ހަދައިގެން އެ އިސްލާހުތައް ބަދަލުކޮށްލައިގެން ވެސް ހުށަހަޅާ ކަމަށް ވިދާޅުވެފައެވެ.

