ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ ތާށިކަމާއި އިގްތިސާދަށް ދިމާވެގެން އުޅޭ ހީނަރުކަން ކުރިމަތިވީ މީޑިއާތަކުގެ ސުރުހީތަކުގައި އެ ވާހަކަ ލިޔެގެން ނޫން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖެއަށް ދިމާވެގެން އުޅޭ ޑޮލަރުގެ ތާށިކަމާއި އިޤްތިސާދަށް ދިމާވެގެން އުޅޭ ދަތި ހީނަރުކަން ކުރިމަތިވީ މީޑިއާތަކުގެ ސުރުހީތަކުގައި އެވާހަކަ ލިޔެގެން ނޫންކަމަށާއި މިއީ ސަރުކާރުގެ ރިޒާވްގައި ހުރި ފައިސާ އާއި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގައިގެން ލޯނު ދެއްކުމުގެ ސަބަބުން ދިމާވި ދަތިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ, އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިވަގުތު ރާއްޖެއަށް ދިމާވެގެން އުޅޭ ޑޮލަރުގެ ތާށިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

”މިއީ ސަރުކާރުން ބަޖެޓުގައި ޖެހި ގޮތަށް 300 މިލިއަން އެތަކެއް ޑޮލަރު ނުލިބުނީމައި ލާސްޓް މިނެޓުގައި މި ޖެހުނީ ބީއެމްއެލްގައި ހުރި ޑޮލަރުކޮޅާއި ރިޒާވްގައި ހުރި ޑޮލަރު ބޭނުންކުރަން ލޯނު ދައްކަން. އެކަމަކ މިހިސާބަށް އައީ ލިބުނު ޑޮލަރުކޮޅުވެސް މިވަގުތު ދިވެހިރާއްޖެއަށް ބޭނުން ނުވާ ޕްރޮޖެކްޓްސްތަކަށް ހަރަދުކުރީމަ“ ޝަމްހީދު

މެމްބަރު ވިދާޅުވީ މިހާރުވެސް ސަރުކާރުން އެތަކެއް ބޭކާރު މަޝްރޫއުތަކެއް ކުރިއަށް ގެންދާކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލައި މިއީ ބޭކާރު މަޝްރޫއުތަކެއްގެ ގޮތުގައި އެނާ ސިފަކުރެއްވިއެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ, މިހާރުގެ ހާލަތަށް ބަލާއިރު ދައުލަތުގެ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ކަމަށެވެ. ޝަމްހީދު ވިދާޅުވީ މިއަހަރުގެ ނިމިގެންދާއިރު ލޯނު ދައްކާނެ ފައިސާއެއްވެސް ސަރުކާރުގައި ނެތް ކަމަށެވެ. އަދީ ސަރުކާރުން ޑޮލަރު ހުސްވާ ކޮންމެ ފަހަރަކު ޖެހެނީ ވިޔަފާރިވެރިން ނުވަތަ ފަތުރުވެރިކަމުގެ ދާއިރާ ފަހަތުން ދުވަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ކުންފުނިތަކުގެ ޑޮލަރު އާމްދަނީއިން 20 އިންސައްތަ ނަގަމުން ދާއިރު ވެސް ޑޮލަރުގެ އަގު ދަނީ މަތިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އެއްވެސް ޒަމާނެއްގައި ސަރުކާރުތަކުން އެއްވެސް އެއްބާރުލުމެއް ދީގެން ކުރިއަރަމުން އަންނަ ސިނާއަތެއް ނޫންކަމަށް ވާއިރު ރިސޯޓުތަކަށް އިންވެސްޓުކުރަނީވެސް ދިވެހި ބޭންކުތަކަކުން ނޫން ކަމަށެވެ. މީގެ ބަދަލުގައި ރިސޯޓުތައް ރާއްޖޭގައި އެޅުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެނީ ބޭރުގެ ބޭންކުތަކުން ކަމަށާއި އަދި އެ ބޭންކުތަކުން ގެންނަ ޑޮލަރު ރާއްޖޭއިން ހިފަހައްޓާނަމަ، ބޭރުގެ ބޭންކުތަކުން މިފަދަ މަޝްރޫއުތައް ފައިނޭންސްކުރުން ހުއްޓި، ފަތުރުވެރިކަމުގެ ދާއިރާއަށް އެތައް ބައިވަރު ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

”ޓުއަރިޒަމް އިންޑަސްޓްރީއަށް ލޯނު މި ހޯދަނީ ދިވެހި ބޭންކުތަކަކުން ނޫން. ފައިސާ ފޯރުކޮށްދެނީ ބޭރުގެ ބޭންކުތަކުން. އަޅުގަނޑުމެން މި ބޭންކުތަކުން ދޭ ފައިސާ މިކޮޅު ބޯޑަރު ހުރަސްކުރާތަނުން ހިފަހައްޓާ ނަމަ، ބޭރުގެ ބޭންކުތަކުން މިފަދަ މަޝްރޫއުތައް ފައިނޭންސްކުރުން ހުއްޓި، ފަތުރުވެރިކަމުގެ ދާއިރާއަށް އެތައް ބައިވަރު ގެއްލުންތަކެއް ކުރިމަތިވާނެ“ ޝަމްހީދު

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ހޭދަކުރަން ޖެހެނީ ސަރުކާރަށް ޓެކްސް ދައްކަން ކަމަށާއި އޭގެ އިތުރަށް، ތެޔޮ ބިލާއި ލޯނުތަކާއި ސާވިސް ޗާޖާއި މުސާރައިގެ އެއްބައި ރިސޯޓުތަކުން ދެނީ ޑޮލަރުން ކަމަށްވާއިރު، ރުފިޔާގެ ޑިމާންޑު އިތުރުކުރުވިގެން ނޫނީ ޑޮލަރުގެ މައްސަލަ ހައްލުނުވާނެ ކަމަށާއި ރުފިޔާގެ ޑިމާންޑު އިތުރު ކުރެވޭނީ ދައުލަތަށް މިހާރު ރިސޯޓުތަކުން ޑޮލަރުން ދައްކަމުންދާ ޓެކްސް ވެސް ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން ކަމަށް މެމްބަރު ވިދާޅުވިއެވެ. ރުފިޔާއިން ޓެކްސް ނުދެއްކޭ ހާލަތްތަކުގައި ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީން 40 ޕަސެންޓު ދިވެހި ބެންކުތަކަށް މާރުކުރަން އެންގި އެންގުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެއްވެސް ވަރަކަށް ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަކޮށް ސަރުކާރު ނިސްބަތްވާ ޕީއެންސީގެ މެމްބަރުންނަށްވެސް މަޖިލިސް މެންބަރުންގެ ކަންބޮޑުވުންތައް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެފަހުން ޓެކްސް ބިލުތަކަށް ވޯޓު ނެގިއިރު ގާތްގަނޑަކަށް ސަރުކާރަށް ލިބުނީ 50 ވޯޓު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވޯޓުގެ ނަތީޖާއަށް ބެލުމުން ވެސް ގިނަ މެމްބަރުން މިކަމާ ކަންބޮޑުވާކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ދައުލަތް ހިންގަނީ ރައީސް އޮފީހުގެ މޭޒަކުންކަން އެންމެންނަށްވެސް އެނގޭ ކަމަށް މެމްބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި އެންމެ ފަހުން އެމްއެމްއޭގެ ގަވަނަރު ރައީސް އޮފީހުގައި ޕްރެސް ކޮންފަރަންސްއެއް ބޭއްވުމުންވެސް ދައުލަތުގެ ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތެރޭގައިކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ، ބޮޑެތި ސިނާއަތްތަކާއި ރައްޔިތުންނާ ގުޅުން ހުރި މި ފަދަ ބިލުތައް ނިންމާއިރު، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހުގައި އެކަން ކުރުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: