މިދޔަ ފެބްރުއަރީ މަހު ބޭއްވި، ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ އެޗްޕީއޭއަށް ހިއްސާކޮށްދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން އެދިއްޖެ އެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އެކްސްޕޯއަކީ މިދިޔަ ފެބްރުއަރީ މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެކްސްޕޯއެއް ކަމަށެވެ. އަދި އެކްސްޕޯގައި ބައިވެރިވީ މީހުން އެ މައުލޫމާތުތައް އެޗްޕީއޭއާއި ހިއްސާ ކުރުމަށް އެދޭކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ހިނގަމުންދާ ކޭސްތަކާއި، ނުވަތަ އެ މީހުންނާއި ގުޅުމެއް ނެތަސް އެކްސްޕޯއަށް ގޮސްފައިވާނަމަ އެކަން ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި ބޭނުންވަނީ، އިތުރުކަންތަކެއް ބެލުމަށް ކަމަށާއި މިއީ އެއްވެސް ގޮތަކަށް މީހަކު ކަރަންޓީނު ކުރުމުގެ ބޭނުމުގައި އާއްމުކުރާ އެންގުމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަންވެގެން،“ ޑރ. އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ، އެކްސްޕޯއަށް ދިޔަ މީހެއްގެ ގައިގައި މިހާރު ބަލީގެ އަލާމާތެއް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބަޔަކަށް ބަލި ޖެހިފައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެ ފެއާއަށް ދިޔަ މީހުންގެ ފަރާތުން ބައެއް ކަންތަކެއް ފާހަގަވެފައިވާތީ އެޗްޕީއޭއިން ވެސް އެ ކަންތައް ކަށަވަރު ކުރުމަށް ބޭނުންވަނީ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިގޮތަށް ރިޕޯޓުކުރާ އެއްވެސް މީހެއް އައިސޮލޭޓު ނުވަތަ ކަރަންޓީނެއް ނުކުރާނެ ކަމަށެވެ. ފެއާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތް ވާ މީހުންނެވެ. އަދި އަފްޒަލް ވަނީ ބައްދަލުވުމުގައި އެކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ބައެއް ގައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ ހިސްޓްރީއަށް ބަލާއިރު ބައެއް ކަންތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން ”ކޯސަސް އޮފް އިންފެކްޝަން“ ފެނިފައިވަނީ ތަފާތު ގޮތަކަށް ކަމަށެވެ.
”އެކްސްޕޯއަށް ދިޔަ މީހުން ހޯދަން ބޭނުންވާ ސަބަބަކީ އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތްތަކެއް ހުރިކަމަށް ހަބަރު ލިބިފައިވަނީ އެތަނަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ބަލީގެ ހިސްޓްރީއަށް ބަލާއިރު ބަލީގެ އަލާމާތްތައް އެކްސްޕެކްޓު ކުރާ މިންވަރަށްވުރެ ދިގުވެފައި، ހުރުމާއި އަދި ބަލިޖެހިފައި ސިމްޕަމްސްތައް މައިތިރިވުމަށްފަހު އަނެއްކާވެސް އަލުން ފެންނަން ފެށުން،“ ޑރ. އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ، އެކްސްޕޯއަށް ދިޔަ މީހަކު ރާއްޖެ އެނބުރި އައި އިރު ބަލި ޖެހިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މީހުންގެ ގައިގައި ބަލި ނުހުރެދާނެ ކަމަށެވެ. އަދި ބޭނުންވަނީ އެނބުރި އައި މީހުންގެ ތެރޭގައި އެފަދަ އެއްވެސް މީހެއް ހުރިތޯ ނުވަތަ ނެތްތޯ ޔަގީން ކުރުން ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

