ބޭރުފައިސާގެ މައްސަލައާއި ގުޅިގެން އެމްޑީޕީން އެމްއެމްއޭއަށް ބައްދަލުކޮށް ކުރި މަޝްވަރާގައި ޑޮލަރުގެ އެހީތެރިކަން އިންސާފުވެރިކަމާއެކު ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދީފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވ އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރނަރ އަދި ޑެޕިއުޓީ ގަވަރނަރާ ބައްދަލުކޮށް، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި، މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކާ މެދު ޕާޓީގެ ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރު ފައިސާގެ ކަޅުބާޒާރަކީ ޖިނާއީ ކުށަކަށް ހަދައިފިނަމަ މިހާރަށްވުރެ ބޮޑަށް ބޭރުފައިސާގެ އަގު އުފުލި ދަތިތައް އިތުރުވާނެ ކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެމްއެމްއޭއިން ފޯރުކޮށްދޭ ޑޮލަރު ސަޕޯޓު ހަމަހަމަކަމާއެކު ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށާާއި ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމުކުރާނެކަމުގެ ޔަގީންކަން މަރުކަޒީ ބޭންކުން ދިންކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ޓޫރިސްޓު ރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރާގޮތަށް ހެދުމުން ދިމާވާނެ އުނދަގޫ އަދި ގޮންޖެހުންތައް ހިއްސާކުރެއްވި ކަމަށާއި އަދި އޭގެ ބަދަލުގައި ރިސޯޓުތަކުން ބޭރު ފައިސާ ބޭނުންވާނެ ކަންތަކަށް ދަތިނުވާނެހެން ޓެކުހާ ގުޅޭ ކަންތަކަށް ލުއިދޭން ލަފާދެއްވި ކަމަށެވެ.
މާލީ ގޮތުން ޒިންމާދާރުނުވެ، ބޭރު ފައިސާގެ މައްސަލަ ހައްލު ނުވާނެކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، އެ މަޝްވަރާގައި ދައުލަތަށް ވަންނަ ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ދައުލަތުގެ ދަރަނި އަދާކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުންތަކަށް ބޭނުންކުރާއިރު، ދައުލަތުގެ ހަރަދު ކުޑަކޮށް، ދަރަނި ނެގުމާއި އެސްއޯއީތަކަށް ބޭނުންވާ ފައިސާގެ މައްސަލަތަކަށް ހައްލެއް ނުހޯދޭނަމަ، ބޭރު ފައިސާގެ ތާށިކަން ދެމިއޮންނާނެކަން ވެސް ފާހަގަކުރެއްވި ކަމަށެވެ.
އާންމުންނަށް ބޭރު ފައިސާ ލިބޭނެ މަގުތައް ބަންދުކޮށް، ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ރޭޓުން ބޭރުން ފައިސާގެ މުއާމަލާތް ކުރުމަކީ ކުށަކަށް ހެދުމާމެދު ޕާޓީން ކަންބޮޑުވުން ފާޅުކުރި ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ހަމައެކަނި އެ ފައިސާ ސަރުކާރު ކުންފުނިތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިނަމަ އޭގެ ސަބަބުން އާންމު އިގްތިސޯދުގައި އެ ފައިސާ ދައުރުނުވާނެކަމަށް ފާހަގަކޮށްފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އާންމު ގޭބީސީތަކަށް ބޭރު ފައިސާއަކީ މިއަދު ޒަރޫރީ އެއްޗަކަށް ވެފައިވާކަން ފާހަގަކޮށް އެއީ ހަމައެކަނި ވިޔަފާރި ބޭނުމަށް ފިޔަވައި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށާއި ތައުލީމީ އެކި ބޭނުމަށް ވެސް ޒަރޫރީ އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭންކިން ނިޒާމުގެ ތެރެއިން އެކަށީގެންވާ މިންވަރަކަށް ބޭރު ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ޝަމްހީދުގެ ޕޯސްޓުގައި ފާހަގަކޮށްފައިވަނީ ޖުމްލަ ގޮތެއްގައި، މިއީ ވަރަށް ބިނާކުރަނިވި އަދި ނަތީޖާ ނެރެވޭނެ މަޝްވަރާތަކެއް ކަމަށެވެ. ޑޮލަރުގެ އެހީތެރިކަން އިންސާފުވެރިކަމާއެކު ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމް.އެމް.އޭ އިން ދިން ކަމަށާއި އަދި އޮޅުވާލައިގެން ނުވަތަ ސައްހަ ނޫން ޓީ.ޓީ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެމް.އެމް.އޭ އިން ބުނި ކަމަށް އޭނާގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ އެމް.އެމް.އޭ އިން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ނޭދެވޭ ނުވަތަ ގޯސް އަސަރެއް ކުރާނަމަ، އެ ފިޔަވަޅުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު އޮތްކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

