މިދިޔަ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރު މި ސަރުކާރުން ދެއްކީ ރައްޔިތުންގެ ފައިސާއިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި މިހާރު އެއްވެސް މިންވަރަކަށް ޑޮލަރެއް ނެތް ކަމަށާއި، ޓީބިލްގެ 50 މިލިއަން ޑޮލަރު ސަރުކާރުން ދައްކާފައިވަނީ އާންމުންގެ ފައިސާއިން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރިންނާއި އާންމުން ތަކެތި ގަންނަން ބީއެމްއެލްއަށް ޑޮލަރު ޖަމާކުރުމުން އެ ޑޮލަރު ސަޕްލަޔަރާ ހަމައަށް ނުދަނީ ސަރުކާރުން އެ ފައިސާ ނަގާތީ ކަމަށެވެ.
ޓީބިލް ފެސިލިޓީގެ ފަހު 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައިވެއެވެ. މީގެ ކުރިން މުއްދަތު އިތުރުކޮށްދިންނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިއާއާ ރަހްމަތްތެރިކޮށް ބައްޓަންކުރަމުން ނުދާތީ، ރޯލްއޯވަރ މަޝްވަރާތަކުގައި އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށް، މުއްދަތު އިތުރުނުކޮށްދޭން ނިންމައިފައެވެ.
މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޓީބިލް ދައްކަން ޖެހުނީ ރޯލްއޯވަރ ނުކުރެވުމުން ކަމަށާއި އެ ފައިސާ ދައްކަން ޖެހުނީ އަތު ޖެހުނު ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށާއި އެއީ އަތްޖަހައި ސިޔާސީ ޕޮއިންޓް ހޯދަންވީ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެެއެވެ.
2019 ވަނަ އަހަރު ނެގި އެ ދަރަނި ދައްކައި ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 16 ވަނަ ދުވަހު ދެއްކުމާއެކު އެ ލޯނު ވަނީ ދައްކައި ނިމިފައެވެ.

