ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލުގެ އަމާޒަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ރޭވުން ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފިއެވެ.
ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ބިލުގެ އިބްތިދާއީ ބަހުސް ފެށީ އިއްޔެއެވެ. އެ ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
އެ ބިލާ ގުޅޭގޮތުން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ، ”ޖާރިޔާ ބިލް“އާ ދެކޮޅަށް ނުކުންނަންޖެހޭ ކަމަށާއި އެ ބިލުގެ އަމާޒަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އިއްޔެ ކުރެއްވި އިތުރު ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ވެސް ހަތަރު ހާހަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ގަވައިދުން ނުދާ ކަމަށެވެ. އަދި ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، އެ ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.
މީގެ އިތުރުން، މަދަރުސީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކޮށް، މިހާރު ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއްކަމަށް ބުނެފައިވެއެވެ.

