އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ، ”80ގެ ކުރީކޮޅު“ ފޮތް ނެރެފިއެވެ.
މިފޮތް ނެރެފައިވަނީ ދޮންމަނިކު ރެސްޓޯރަންޓްގައި ބޭއްވި ހަފްލާއެއްގައެވެ. މި ފޮތް ނެރެދެއްވީ ރައީސް ނަޝީދުގެ ބޮޑުދައިތަ، ގ. ކެނެރީގެ، ޒުހައިރާ އުމަރެވެ.
މި ފޮތަކީ ޖުމްލަ ފަސް ވާހަކައެއް އެކުލެވޭ ފޮތެކެވެ. އެއީ ”ގައުމީ މަޝްރޫއު، މޫސަބަރު“، ޗާލާ ޒަމާނާ“، ”ރީތި ހަދިޔާ“ އަދި ”ހިތާއި ހިތުގެ ގުޅުން“މެވެ.
ފޮތް ނެރުމަށް ބޭއްވި ހަފްލާގައި ފޮތުގައި ހުރި އެކި ވާހަކަތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނު ލިޔުއްވީ 80 ގެ ވަރަށް ފަހުކޮޅު 90 ގެ ކުރީކޮޅު ކަމަށެވެ. ފޮތުގައި 80 ގެ ކުރީކޮޅު ކަމަށް ޖަހާފައިވަނީ އެއީ ދެވަނަ ދެލިކޮޕީއިން ނުކުތް ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވއިެވެ. އަދި މި ވާހަކަތައް ލިޔުނީ 94 ގައި އެމަނިކުފާނު ޖަލުން ގެއަށް ގެނެސް ގޭބަންދަށް ބަދަލުކުރިތަނާ ކަމަށްވެސް ވިދާޅުވިއެވެ.
”މި ވާހަކަތައް ލިޔުނީ 94 ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭބަންދަށް ބަދަލުކުރިތާ“
ރައީސް ނަޝީދުގެ ކުުރުވާހަކަ ފޮތް ވިއްކަނީ 250ރ. އަށެވެ. މި ފޮތަށް އެ ހަފްލާއަށް ދިޔަ އެންމެންގެވެސް ބޮޑު ތާއީދެއް ލިބިފައިވާކަން ފާހަގަކުރެވެ.
މީގެ ކުރިން ވެސް ފޮތް ލިޔުއްވާފައިވާ ރައީސް ނަޝީދު ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިކަމުގެ މަސައްކަތް ކުރެއްވިއެވެ. ކުރިން ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ދަނގަޑު ދަހަނާ، އިންގިލާބު އަދި ކިއްލާ މާލެ ފަދަ ފޮތްތައް ހިމެނެވެ.

