ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ-ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވެއްދީ، ކުދި ގައުމުތަކަށް ނުރައްކާތެރި ދަނޑިވަޅެއްގައި: ރައީސް ނަޝީދު

އައްޑު އަތޮޅު ހުޅުދޫގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން އަމަލުކުރަމުން އައި ނިޒާމުތައް މިހާރު ބަދަލުވަމުން އަންނަ، ކުދި ގައުމުތަކަށް ނުރައްކާތެރި ދަނޑިވަޅެއްގައި އިންޑިއާ-ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖެ ވައްދާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅު ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ވަނީ ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ފާޑުވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގައި ކުރިން އަމަލުކުރަމުން އައި ނިޒާމުތައް މިހާރު ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން، މީގެ ކުރީގައި ދުނިޔޭގައި އަމަލުކުރަމުން އައި ހަމައަކީ، ހުޅަނގަށް ނުވަތަ ރަޝީއާއަށް ތާއީދުކުރުން ކަމަށާއި ރާއްޖޭގެ ގައުމީ ހަޔާތް ވެސް ހޭދަކުރަމުން އައީ އެ ދެ ފަރާތުގެ ތެރެއިންގެ ކޮންމެވެސް އެއް ބައެއްގައި ސާބިތުވެގެން ތިބެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިއަދު ”މިޑިލް ޕަވާސް“ ނުވަތަ މެދުމިނުގެ ބާރުމިނުގެ ގައުމުތަކެއް ފާހަގަވެފައިވާއިރު، އެ ގައުމުތަކުން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތާއި، އދ. ގެ ބާރުވެރިކަން ހިފެހެއްޓޭނެ މިންވަރު ވެސް އެއީ ޝައްކެއްގެ ތެރޭގައި އޮތް ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް ޑރ. މުއިއްޒު ބައްލަވާލެއްވުމެއްނެތި، އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވައްދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 ”މި އެންމެ ކަންތައްތައް މިހެން ވާ އިރުގައި، ކުދި ގައުމުތައް، ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާ ނުރައްކާތެރިކަން ވަރަށް ބޮޑު އިރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލެއްވުމެއްނެތި، ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ، އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،“ ރައީސް ނަޝީދު

އެއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އިންޑިއާއަށް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭކަމަށް ފެންނަ ކަމަށް ވަނީނަމަ އެއީ ރާއްޖެއަށް އެކަމުގެ ހިތި އަސަރުކުރާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުގައި ބެހެއްޓުމަކީ މިހާރު ދިވެހީންނަށް އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުންް ކުރިއަށް އޮތް ބައިއިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވައި، ސަރުކާރަށް ސާފު އިޝާރާތެއް ދެއްވުމަށް ހުޅުދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: