ގައުމެއް ބިނާކޮށް ތަރައްގީކުރުމުގައި އަންހެނުންގެ ގާބިލުކަން އިތުރުކުރުމަކީ ތަރައްގީގެ ބިންގަލަށްވުމުގެ އިތުރުން އެއީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލުކަމަށާ، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ އަންހެނުންނަކީ ގައުމުގެ އިޖުތިމާއީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުސަތުތައް ފަހިވާނެ ފަދަ އިތުރު ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީހު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ސާޖިދާ ވަނީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ހިއްސާކުރައްވާފައެވެ.
އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވައި، މުޖުތަމައު ގަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ހުލްގުހެޔޮ ބަޔަކަށް ވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ގައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ.
ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުސަތަކީ ވަރަށް ތާރީހީ ފުރުސަތެއްކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ.

