ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން މާމޮޅަށް ވަންކަން ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް ސޯލުހިގެ ވެރިކަމުގައިވެސް ފެނަކައިން އެތަކެއް ވައްކަމެއް ކޮށްފައިވީނަމަވެސް މި ސަރުކާރުގައި އޭގެ އެތަކެއް ގުނައަކަށް އަދި އެއަށްވުރެ މާމޮޅަށް ބޮޑެތި ވައްކަން ފެނަކައިން ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލައާއި ފެނަކައާ ގުޅެނީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ އިމްޕޯޓްކުރަނީވެސް ޑޮލަރުން ކަމަށް ވީއިރު ޑޮލަރުގެ އަގު ބޮޑުވާ ވަރަކަށް ތެލަށް ހޭދަކުރަންޖެހޭ އަގު ވެސް ބޮޑުވާނެތީ ކަމަށެވެ.
އެގޮތުން، ފެނަކައިން ކޮންމެ މަހެއްގެ ބިލުތައް ތައްޔާރު ކުރާއިރު ތެލުގެ ހަރަދާއި، ސާރވިސް ޗާރޖުގެ އިތުރުން ފައިދާ އިތުރުކުރާ ކަމަށާއި އެކަންކަންވެސް އެއީ ބެލޭނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ފެނަކައިން ވަރަށް ބޮޑެތި ވައްކަން ކޮށްފި. ވައްކަން ކޮށްފައި އޮތީ ހަމައެކަނި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކުން ނޫން. މި ސަރުކާރު އައިސް އަދި އެއަށްވުރެ މޮޅަށް އެކަން ކޮށްފި. އެއަށްވުރެ ބޮޑަށް އެކަން ކޮށްފި. އެކަމަކު ފިޔަވަޅެއް ނޭޅޭ،“ ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބުމުން ފެނަކައަށް ބޭނުންހާ އެއްޗެއް ހަދާކަށް ނުކެރޭނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމުން ދެން ފެނަކައިންވެސް ޖެހޭނީ އަގުތައް އެއްވަރެއްގައި ހިފަހައްޓަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ޑޮލަރުގެ އަގު މައްޗަށް ދިޔަ ދިއުމަކީ ސަރުކާރުން އުފައްދައިގެން އުޅޭ ކަމެއް ކަމަށް ތުހުމަތު ކުރައްވާ އެކަމުގެ ހައްލު ހޯދުމަށް ހުރިހާ ރައްޔިތުން ސަރުކާރަށް ގޮވާލުމަށް އިލްތިމާސްކުރައްވާފައެވެ.
”ސަރުކާރުގައި ބުނޭ މިއީ ސަރުކާރުގެ އުފެއްދުމެކޭ. އެހެންވީމަ ސަރުކާރުން މިއަށް ހައްލެއް ހޯދަދޭންޖެހޭނެ. މި ސަރުކާރުން ހޯދައިދޭންޖެހޭނެ. ހުރިހާ ކަމެއް ހިނގާ ރައީސް ޔާމީނަށް ނުބަހައްޓަމާ،“ ރައީސް ޔާމީން
ރައީސް ޔާމީންގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، މީގެ ކުރީގެ ރައީސަކު ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ވިދާޅުވި ކަމަށާއި މިހާރުގެ ހާލަތަށް ބަލައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި އެތަކެއް ބައިވަރު ފުލުހުން ބަހައްޓަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ޑޮލަރުގެ ރޭޓު އެއްވަރެއްގައި ހިފެހެއްޓޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޑޮލަރުގެ ރޭޓު އެއްވަރެއްގައި ނުހިފެހެއްޓޭކަމަށް ވަނީނަމަ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި އެކަން ހިމެނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ހުރިހާ ކަމެއް އެމަނިކުފާނު ހައްލުކުރައްވަން ނުބަހައްޓައި، މި ސަރުކާރުން އުފެއްދި ކަމެއްގައި ސަރުކާރުން ހައްލު ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މި ސަރުކާރުން ވަނީ އެތަކެއް ރައްޔިތުންގެ ހައްޤުތަކެއް ނިގުޅައިގެންފައި ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ބޭރު ފައިސާގެ އަގު އަޅުވެތިކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޑޮލަރަކީ މި ސަރުކާރާ ދޯޅު އެއްޗަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ކުރިނަމަވެސް ޑޮލަރުގެ ރޭޓު މިހާރު ވަނީ މައްޗަށް އަރާފަކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އެހެންކަމުން ފުވައްމުލަކާއި އަދި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން އެކައްޗެއް ކިޔައި މިކަމުގެ ހައްލު ހޯދުމަށް އެންމެން އެއްއަޑަކުން ސަރުކާރަށް ގޮވާލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ކުރި ވައްކަންތަކާ ގުޅިގެން އޭރުގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލާން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފައެވެ.

