އަލަށް އެކުލަވާލާފައިވާ އެކްސްޕެޓު ސިސްޓަމްގެ ވަޒީފާތަކުގެ ގިންތިތަކަށް ގެނައި ބަދަލުތަކާއެކު ސިއްހީ ދާއިރާގެ ފަންނީ ގިނަ މަގާމުތަކެއް ’ޕްރޮފެޝަނަލް‘ ގިންތިން ’ނަން-ޕްރޮފެޝަނަލް‘ ގިންތިއަށް ބަދަލުކޮށްފައިވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޔޫނިއަނުން ސޯޝަން މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، އެ ބަދަލުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ގާބިލު ބޭރުގެ ސިއްހީ މާހިރުންނަށް ’ޕްރޮފެޝަނަލް‘ ގިންތީގެ ދަށުން ލިބެމުން އައި މުހިންމު އިނާޔަތްތައް ގެއްލިފައިވާ ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ޑިޕެންޑެންޓް ވިސާ ހޯދުމާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ލިބޭ ލުއިފަސޭހަތައް ނުލިބޭނެކަން އެމްއެޗްޕީޔޫން ވަނީ ފާހަގަކޮށްފައެވެ.
’ޕްރޮފެޝަނަލް‘ ގިންތިން ’ނަން-ޕްރޮފެޝަނަލް‘ ގިންތިއަށް ބަދަލުކޮށްފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި ބައެއް ސަބް-ސްޕެޝަލިސްޓް ޑޮކްޓަރުން، ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ހިމެނެއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކީ ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހުން ކަމަށްވުމުން އެ މީހުންގެ ދަރިން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަކަން އެ ޔޫނިއަނުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ބިދޭސީ މުވައްޒަފުންނަށް ބޮޑުތަނުން ބަރޯސާވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށާއި ވަކިން ހާއްސަކޮށް ތަޖުރިބާކާރު މުވައްޒަފުން ހިފެހެއްޓުމާއި މެދުކެނޑުމެއް ނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެދާނެކަމަށް އެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ.
އެ ކަންބޮޑުވުންތަކާއެކު ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފެންވަރާއި ހުނަރު އަދި މަސްއޫލިއްޔަތުތަކަށް ރިއާޔަތްކޮށް، ގިންތިކުރުން އަލުން މުރާޖައާ ކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީއަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
އެމްއެޗްޕީޔޫން ވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ، ސިއްހީ ފަންނީ ލަފާވެރިންނަށް ބޭއިންސާފުން މިފަދަ އަސަރުތަކެއް ނުކުރާނެކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިނިސްޓްރީއަށް އިލްތިމާސްކޮށްފައެވެ.

