ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ހަތް ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، އެ ބިލުތައް ތަސްދީގުކުރައްވާފައިވަނީ، އެކަމަށް ޓަކައި މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން، ބޭރު ފައިސާ ގަނެވިއްކަން ވާނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށް ކަނޑައެޅުމަށާއި ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވާފައިވެއެވެ.
އޭގެ އިތުރުން ދެން ތަސްދީގުކުރައްވާފައިވަނީ:
- ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު.
- މީރާ އަށް ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމާއި، ޓެކުހުގެ ނިޒާމު ތަންފީޒުކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމާއެކު، އެ އޮތޯރިޓީއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް އުޞޫލުތައް އިތުރަށް ހަރުދަނާކޮށްފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު.
- ޖީއެސްޓީ ނިޒާމު އިތުރަށް ފުރިހަމަކޮށް، ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ ތަންފީޒުކުރުމަށްޓަކައި އޮފްޝޯރ ބުކިންގ ޕްލެޓްފޯމްތަކުން ވިއްކާ އެކޮމަޑޭޝަންތަކާއި ޕެކޭޖުތަކަށް ޓޫރިސްޓުން ދައްކާ އަގުން ނެގުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދާނެ ގޮތް ފަހިކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު.
- ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްޞަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުޞަތު ހުޅުވިގެންދާނެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު.
- ކުރިން ޢަމަލުކުރަމުން އައި ފަޅުރަށްރަށާބެހޭ ޤާނޫނު އުވައިލައި، ޓުރިޒަމް ބޭނުމަށް ނޫން އެހެނިހެން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އުޞޫލުތަކާއި، އެ ތަންތަން ކުއްޔަށްދިނުމުގައި ޢަމަލުކުރާނެ ޝަރުތުތަކާއި އިޖުތާއަތުތައް ބަޔާންކުރާ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު.
- ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނެ ގޮތެއްގެ މަތީން ރާވައި، ހިންގައި ބަލަހައްޓަން، އެއްގަމު ދަތުރުފަތުރުގެ ބިލު.
ބިލުތައް ތަސްދީގުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ބިލަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ތަސްދީގުކުރެއްވި ބިލްތަކާ ގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

