ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށާއި ރައީސް އޮފީހުގައި ބައްދަލުނުކުރިޔަސް ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް މީޑިއާކަަށް މައުލޫމާތު ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީޑިއާއާ ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތްކުރުމަށް ޓަކައި، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން، މި އަހަރުގެ މާރިޗު މަހުން ފެށިގެން، އާންމު އުސޫލެއްގެ މަތިން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ސީދާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ހަފްތާއަކު ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ ބައެއް ކަންކަން ސާފުކުރުމުގެ ފުރުސަތު ނުލިބޭކަން ނޫސްވެރިޔަކު ފާހަގަކުރުމުން، ރައީސް މުއިއްޒު ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވެ އެ ނޫސްވެރިޔާގެ ސުވާލުގެ މެދުތެރެއިން އެކަމާ މެދު އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވި ގޮތް ސާފުކޮށްދެއްވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށެވެ. އަދި ރައީސް އޮފީހުގައި ބައްދަލުނުކުރެެއްވިޔަސް ކޮންމެ ހަފްތާއަކު ވެސް ކޮންމެވެސް އެއް މީޑިއާއަކާއެކު ކޮންމެވެސް އެއް ސިފައެއްގައި މައުލޫމާތު ދިނުމަށް ވަގުތު ހޭދަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑު ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރަން އިނގޭތޯ. މިތަނުގައި މާހައުލުގައި މި މާލަމުގައި ޕްރެސްއެއް ނުބޭއްވި ހިނގައިދާނެ. އެކަމަކު އެއްވެސް ހަފްތާއެއް ނިމިގެން ނުދާނެ ކޮންމެވެސް މީޑިއާއަކާއެކު އަޅުގަނޑު އިންޓަރެކްޓް ނުކޮށެއް.“ ރައީސް މުއިއްޒު
ރައީސް އޮފީހުގައި ޕްރެސް ނުބޭއްވުމަކީ އެއީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ނުކުރާ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭރު ވެސް ވިދާޅުވީ، ކަމެއް ދިމާނުވާހާ ހިނދެއްގައި ރައީސް އޮފީހުގައި ޕްރެސް ބާއްވާނެ ވާހަކަ ކަމަށާއި އެފަދަ ސަބަބެއް މެދުވެރިނުވާނަމަ ރައީސް އޮފީހުގައި ޕްރެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
”މިދިޔަ ދެ މަހެއްހާ ދުވަހެއްގެ ތެރޭގައި ތިބޭފުޅުން ބައްލަވާ ވަރަށް ގިނަ ހޯމަ ދުވަހު އަޅުގަނޑު ހުންނާނީ ކޮންމެވެސް އިވެންޓަކަށް އަޅުގަނޑު ދާން ޖެހިފައި. ނޫނިއްޔާ ކޮންމެހެން ވަރަށް ބުރަ މަސައްކަތެއްގައި އެ ދުވަހު އެކަމެއް ކުރަން އުޅެން ޖެހިގެން ނޫނިއްޔާ އަޅުގަނޑު ހުންނާނީ މިތަނުގައި ޕްރެސް ބާއްވާފައި،“
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މި އަހަރުގެ މާޗް ދެވަނަ ދުވަހުއެވެ. އަދި އެންމެ ފަހުން އެމަނިކުފާނު ހުރިހާ މީޑިއާތަކަށް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މީގެ ދެ މަސް ކުރިން ޖޫން 29 ވަނަ ދުވަހުއެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ސުވާލުކުރަން ފުރުސަތު ދިން ނަމަވެސް، ސުވާލު ކުރަން ފުރުސަތު ދެއްވާފައިވަނީ ތަސްދީގުކުރެއްވި ބިލުތަކާ ގުޅިގެން އެކަންޏެވެ.
އެފަހުން އޮގަސްޓް 31ގެ ނިޔަލަށް 26 ހަފްތާ ހޭދަވެގެން ގޮސްފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އެންމެ އަށް ހަފްތާގައެވެ. ބައްދަލުވުން ނުބާއްވަން 18 ހަފްތާއެއްގައި އެކި އުޒުރުތައް ދައްކަވާފައިވާއިރު، އެއީ ފާއިތުވި 26 ހަފްތާގެ 69 ޕަސެންޓެވެ.
މާޗް މަހު ތިން ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއިރު، އެއަށް ފަހު ފާއިތުވި ކޮންމެ މަހެއްގައި އެ އަދަދު ދިޔައީ ދަށަށެވެ. އޭޕްރިލް މަހު ދެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއިރު، މެއި މަހު ބާއްވާފައިވަނީ އެންމެ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އަދި ޖޫން މަހު ދެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވެއެވެ.
މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކުވެސް ހަފްތާއަކު އެއްފަހަރު އެއްގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، އެންމެ ފަހުން މިނިސްޓްރީއެއްގެ މައުލޫމާތު ހިއްސާކުރުމަށް ވަޒީރަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މީގެ މަހެއް ކުރިން ޖުލައި 14 ވަނަ ދުވަހުއެވެ.
ކޮންމެ ހަފްތާއަކު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބާއްވަމުން ގެންދެވި ”ޕްރެސާ ވިތު ދަ ސްޕޮކްސް“ ޓީވީ ޝޯވ ވެސް ހުއްޓިފައި އޮންނަތާ މިހާރު ދެ މަސް ވެއްޖެއެވެ. އެންމެ ފަހުން އެ ޝޯވ ގެ އެޕިސޯޑެއް ބޭއްވީ ޖޫން 27 ވަނަ ދުވަހުއެވެ.

