އެމްޑީޕީގެ ގައުމީ މަޖިލިސް ދަންމާލައި އަންނަ އަހަރުގެ ޖެނުއަރީ 31 ގައި ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތް 34 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ރުހުމާއިއެކު އެ ގަރާރު ވަނީ ފާސްކޮށްފައެވެ. ގައުމީ މަޖިލީހު ދައުރު ދަންމާލުމާއި ގުޅިގެން ތިން ހުށައެޅުމެއް ގައުމީ މަޖިލީހަށް ހުށައެޅިގެން ދިޔައެވެ.
ޗެއާޕާސަން މުހައްމަދު ނަޝީދު ހުށައެޅުއްވި ގަރާރުގައި ގައުމީ މަޖިލީހުގެ އުމުރު 25 ސެޕްޓެމްބަރަށް ހަމަވާތީ އޭގެ ކުރިއަށް ގައުމީ މަޖިލީހެއް އަލުން ހޮވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ބައެއް މެމްބަރުން ހުށަހެޅުއްވީ 25 ސެޕްޓެމްބަރުގައި އިންތިހާބު ބޭއްވުމަށެވެ.
މީގެއިތުރުން ކުރީގެ ޗެއާ ފައްޔާޒް އިސްމާއިލް ވެސް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައި ވާއިރު، ވީހާވެސް އަވަހަށް ކޮންގްރެސްއެއް ބާއްވާ، އެއަށް ފަހު ގައުމީ މަޖިލީހެއް ބޭއްވުމަކީ އެއީ ރަނގަޅު ކަމެއް ގޮތުގައި ވިދާޅުވިއެވެ. އަދި ފައްޔާޒް ހުށައެޅުއްވީ ކޮންގްރެސް އެއް ބޭއްވުނަސް ނުވަތަ ނުބޭއްވުނަށް ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް ބާއްވާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ގައުމީ މަޖިލީހުން ނިންމާފައިވަނީ ކޮންގްރެސްއަށް ފަހު އެއްމަސް ދުވަހުގް ތެރޭގައި ގައުމީ މަޖިލީހެއް ބާއްވައި، މިހާރު އޮތް ގައުމީ މަޖިލީސް ދަންމާލުމަށެވެ.

