ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސައުދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ރައީސް ނަޝީދު ގޮވާލައްވައިފި

ކުރީގެ ދެ ރައީސުންނާއެކު ތިނަދޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ނަޝީދާއި މޭޔަރ ސައުދު ސަލާމް ކުރައްވަނީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސައުދުގެ މައްޗަށް ސަރުކާރުން ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ އިންތިޚާބީ ކައުންސިލުތަކަށް ޖަލުގެ ބިރު ދެއްކުން ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ، ސައުދުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާ އަނބުރާ ގެންދަން ސަރުކާރަށް ގޮވާލައްވާފައެވެ.

”ތިނަދޫ ސިޓީގެ މެޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ސިޔާސީ ދައުވާ އަނބުރާ ގެންދަން ސަރުކާރަށް ގޮވާލަން. އިންތިޚާބީ ކައުންސިލުތަކަށް ޖަލުގެ ބިރު ދެއްކުން ބަލައެއް ނުގަނެވޭނެ،“ ރައީސް ނަޝީދު

މިގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައުދުގެ ދިފާއުގައި ނުކުންނަން ގޮވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތިނަދޫގައި މީހުން އުޅޭ އަދަދަކީ ސަރުކާރުން ވެސް ބަލަހައްޓާ ތަފާސްހިސާބެއް ކަމަށެވެ. އަދި ތިނަދޫ ސިޓީއަކަށް ބަދަލުވީ ޝަރުތުތައް ސަރުކާރުން ބެލުމަށްފަހު ތިނަދޫ ރައްޔިތުން އެގޮތަށް އެދޭތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިގެން މައްސަލަ ބަލައިގަތީ މި މަހުގެ 19ގައެވެ. ޕީޖީ އޮފީހުގެ ވެބްސައިޓްގައި މިހާރު މި މައްސަލަ އަދާހަމަކޮށްފައިވާއިރު، ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެގޮތުން:

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

މި ދެ ކުށުގެ އަސާސީ އަދަބުގެ ޖުމުލައަކީ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުމެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ތިނަދޫ ރަށު ކައުންސިލްގެ ރައީސް މަގާމުގައި ހުރެ، ސައުދު ސޮއިކުރައްވައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުއްވި ސިޓީގައިވާ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.

އައިޑީ ކާޑު ނަންބަރުތައް ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭން ކައުންސިލްގައި އެދުމުން ދެން ހިއްސާކުރި ލިސްޓްގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ސައުދު ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ލިސްޓުތައް ފުލުހުންނަށް ހިއްސާކުރުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ ކަމަށެވެ. އަދި ފުލުހުންނަށް ފެކްސް މެސެޖުން، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށް ވިދާޅުވެ ސައުދު މައުލޫމާތު ދެއްވާފައިވާތީ ކަމަށެވެ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރު އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރިއެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: