ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް ލޮޅުން އަރާފައިވިޔަސް ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ލޮޅުންތަކެއް އަރައި މަސައްކަތްތެރިންނަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާ އެކު އެ މަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެވޭކަން ކަށަވަރު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1256127411017732096
ކޮވިޑް-19 ސަބަބުން ގިނަ ބަޔަކަށް ވަނީ ވަޒީފާ ގެއްލުމުގެ ބިރާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ވަޒީފާއި ގެއްލޭ ފަރާތްތަކާއި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ޕޯޓަލްގައި 1300 އެއްހާ މީހުން ރަޖިސްޓްރީ ވެފައިވެއެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެ އެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަސް ވަންދެން ފަސް ހާސް ރުފިޔާ ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ވަގުތު އިޤްތިޞާދަށް ކުރާ އަސަރުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމައްޓަކައި ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.
ކޮވިޑް-19 ވައިރަސްއާ ގުޅިގެން ބައެއް ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ޖެހުމާއި އެތަންތަނަށް ދިމާވި ދަތިތަކާ ގުޅިގެން ގިނަ މުއައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާ ފަރާތްތަށް، ”ޖޮބްސެންޓަރަށް ހުށަހަޅައި ރަޖިސްޓްރީ ވުމަށް ސަރުކާރުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

