އާއްމު އުސޫލުން ވަޒީފާއަށް މިދިޔަ މަހުގެ 18 ގައި އެންމެ ފަހުން، ޑިއުޓީއަށް ރިޕޯޓު ކުރި މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މާލޭގައި ކޮރޯނާ ވައިރަހުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާ ކަމަށެވެ. އަދި ކުންފުނީގެ ފަރާތުން، މަސައްކަތް ނިކުންނަށް މުވައްޒަފުންނަށް ހާއްސަ ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ކަމަށެވެ.
ކުންފުނީގެ އެއް މުވައްޒަފަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ އެއީ، ތަނުގައި ލޮކްޑައުންވެ، ލޮކްޑައުން އުސޫލުން ވަޒީފާއަށް ނިކުންނަށް ސްޓާފެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އޭނާ ޑިއުޓީއަށް ރިޕޯޓު ކުރަނީ އާއްމު އުސޫލުން ވަޒީފާއަށް އައިސް މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އެ އުސޫލާއި އެކު އެންމެ ފަހުން ވަޒީފާއަށް ނިކުމެވަފައިވާނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
މުވައްޒަފުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މަސައްކަތް ކުރުމުގައި ސޯޝަލް ޑިސްޓެންސިންއަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އަދި މަސައްކަތް ކުރިޔަށް ގެންދަނީ މާސްކާއި، އަންގި ބޭނުންކޮށްގެން ކަމަށެވެ.
ޝާހިދު ވިދާޅުވީ، މާލޭގައި ބައެއް މުވައްޒަފުން ތަނުގައި ލޮކްޑައުންވެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް، ހުޅުމާލޭގައި މުވައްޒަފުން މަސައްކަތަށް ނިކުންނަނީ އާއްމު އުސޫލުން ކަމަށެވެ.
ޝާހިދު ވިދާޅުވީ ހިދުމަތްތައް ދިނުމުގެ ގޮތުން، ކުންފުނީގެ 100 އަށް ވުރެ ގިނަ މުވައްޒަފަކު ތަނުގައި ލޮކްޑައުންވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މުވައްޒަފުންނަކީ، ތަނަށް ކޮންމެހެން ބޭނުންވާ މަސައްކަތް ކުރުމުގައި އުޅޭ މުވައްޒަފުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ވިންޗް އޮޕަރޭޓަރުން ހިމެނެއެވެ.
މީގެ އިތުރުން ބަސް ޑްރައިވަރުންނާއި، ކްރޭން ޑްރައިވަރުން ވެސް ތިބެނީ އެމްޕީއެލްގެ ލޮކްޑައުންގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ކްޑައުންގައި ތިބީ ޕޯޓުގެ އޮޕަރޭޝަނަށް މުހިއްމު ސްކިލްޑް މަސައްކަތްތެރިންގެ އިތުރުން ތަނަށް މުހިންމު މުވައްޒަފުން ކަމަށެވެ.
ޝާހިދު ވިދާޅުވީ، މީގެ ތެރޭފައި ވޮލަންޓިއާކޮށް އަމިއްލަ އިސްނެގުމުގެ ދަށުން ލޮކްޑައުންވެ މަސައްކަތަށް ނިކުންނަށް އެދުނު މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

