މަނަދޫގެ އުމުރުން 80 އަހަރުގެ މީހާ އައިޖީއެމްއެޗްއަށް ދައްކާފައިވަނީ ރޯގާގެ އަލާމާތެއް ހުރެގެންނެއް ނޫން ކަމަށާއި، ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ފަރުވާއަށްފަހު ދޫކޮށްލުމުގެ ކުރިން އޭނާގެ ސާމްޕަލްއެއް ނެގީ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މަނަދޫއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހާގެ ގައިގައި ބަލީގެ އަސަރު ހުރިކަން އެނގުނީ ހޮސްޕިޓަލުން ފަރުވާދީ އޭނާ ދޫކޮށްލި ފަހުން ކަމަށެވެ. މި ކޭސްއާއި ގުޅިގެން ގިނަ ކޮންޓެކްޓުންތަކެއް ތިބޭނެތީ، ބާރު ސްޕީޑެއްގައި އޭނާއާ ބައްދަލުވީ މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
މިއަދު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ތަކަދުންދޫގެ 3 މީހަކާއި، މަނަދޫ މީހެއް ހިމެނެއެވެ. މަނަދޫއިން ބަލި ޖެހިފައި ހުރީ އުމުރުން 80 އަހަރުގެ އަންހެނަކަށެވެ.
މި ކޭސްއާ ގުޅޭ ތަފްސީލުތައް ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެ އަންމީހާ އައިޖީއެމްއެޗްއަށް ދިޔައީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި އޭރު އޭނާގެ ފަރާތުން ރޯގާގެ އެއްވެސް އަލާމާތެއް ނުވަތަ އަސަރެއް ފެނިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އޭނާގެ ސާމްޕަލްއެއް ނެގުނީ ރެންޑަމް ސާމްޕަލްއެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމަށް ނިންމާ، އޭނާގެ ސާމްޕަލް ނެގި ކަމަށެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބިފައިވަނީ އެނބުރި ގެސްޓް ހައުސްއަށް ދިޔަފަހުން ކަމަށާއި، އޭގެ ސަބަބުން މިހާރު މަނަދޫގައި ވެސް ކޮންޓެކްޓް ޓްރޭސިން ކުރިޔަށް ދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ބައްޔަށް ޓެސްޓު ކުރެވޭ މީހަކު، ނަތީޖާ ނުލިބެނީސް ދޫކޮށްލީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވީ އެއީ ތަފާތު ކޭސްއެއް ކަމަށެވެ. އަދި އެ ސާމްޕަލް އަކީ އެއްވެސް އަލާމާތެއްގެ ސަބަބުން ނެގުނު ސާމްޕަލްއެއް ނޫންކަން ވެސް ފާހަގަކުރިއެވެ. ޑރ. އަފްޒަލް ވިދާޅުވީ އެ އަންހެން މީހާ ޑޮކްޓަރަށް ދައްކާފައިވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރެގެންނެއް ނޫން ކަމަށެވެ.
މިއަދު ފެނުނު ބައެއް ކޭސްތަކާއި ގުޅިގެން، މަނދޫ އަދި ތަކަންދޫ ވަނީ މޮނީޓަރިން ހާލަތަކަށް ގެނެވިފައެވެ. އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓްގައި ދަތުރުކުރި ބައެކެވެ. އެ ބޯޓުން ދަތުރުކުރި އުލިގަމު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

