އާއިލީ މީހަކަށް ރިސޯޓު ހަދަން ރަށްތަކެއް ދީފައިވާ ނަމަވެސް އެއީ އެމަނިކުފާނަށް ކުރިން އެނގިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެމަނިކުފާނާ ބެހޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ކަނޑައެޅުއްވި ޑެޕިއުޓީ އެމްބެސެޑަރު، އަދި އެމަނިކުފާނުގެ ދެބެއިންގެ ދެދަރި މީހެއްގެ ދަރިއެއް ކަމަށްވާ ހައްސާން ވަހީދުގެ ހިއްސާ އޮންނަ ގޮތަށް، މި އަހަރުގެ ފެބްރުއަރީ މަހު އުފެއްްދި އަޔަޓަނާ ހޮސްޕިޓާލިޓީސް ކުންފުންޏަށް ރިސޯޓު ހަދަން ތ. އަތޮޅުގެ ތިން ރަށެއް ދޫކުރިކަމުގެ އަޑުތައް ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުންނެވެ.
ސޯޝަލް ސައިންސަސް ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވާ ހައްސާންގެ އިތުރުން، ދެން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ބިދޭސީންތަކެއް ކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީން ހާމަވެއެވެ.
ރައީސްގެ އާއިލީ މީހަކަށް ބޮޑެތި މާލީ މަންފާތަކެއް ލިބޭ ގޮތަށް ރިސޯޓު ހަދަން ތިން ރަށް ދޫކުރަން ނިންމާފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ތެދު ވާހަކައެއް ކަމަށެވެ. ނަމަވެސް، އެއީ އެމަނިކުފާނާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުންނަމަ އާއިލީ ބޭފުޅަކަށް ރިސޯޓު ހަދަން ރަށްތަކަށް ދިން ކަމެއް އެމަނިކުފާނަށް ކުރިން އެނގިވަޑައިނުގަންނަވައެވެ. އެކަން ސަމާލުކަަމަށް އައީ ވެސް ނޫހަކުން އެ ވާހަކަ ފެނިގެން ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް ބެއްލެވި ކަމަށާއި، އަދި ހައްސާންއަށް ގުޅުއްވުމުން އެއީ ތެދެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ނަމަވެސް، އެއީ އެމަނިކުފާނާ ބެހޭ ކަމެއް ނޫން ކަމަށާއި އެކަން އެނގުނު ހިސާބުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
”އެއީ ތެދު ވާހަކައެއް. ދެން އަޅުގަނޑަކާ ބެހޭ ކަމެއް ނޫން އެއީކީއެއް. އެކަން އެނގުނު ހިސާބުން، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީކީއެއް، ސަރުކާރުގެ މަގާމެއްގައި އަޅުގަނޑު ދީފައި ހުރި، އަޅުގަނޑު އެޕޮއިންޓްކޮށްފައި ހުރި މަގާމެއްގައި ހުރި ބޭފުޅަކު އެކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން، އެހެންވީމަ އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައި ހުންނާނީ އެ ހިސާބުން،“
އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހައްސާންގެ ހިއްސާ އޮންނަ އަޔަޓަނާ ހޮސްޕިޓާލިޓީސްއަށް ދޫކުރަން ނިންމާފައިވަނީ ތ. އަތޮޅު ހިރިލަންދޫ އާއި އޮމަދޫ ދެމެދުގައި އެއް ފަޅެއްގައި، އޮންނަ ފުށި، ކަނި، އަދި ވަންބަދިއެވެ. ޓޫރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކުރާ ރަށްތަކުގެ ތެރޭގައި އެ ރަށްތައް ހިމެނީ، މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
އެ ރަށްތަކަށް ގަތުމުގެ މުއާމަލާތާ ގުޅިގެން ލީކްކޮށްލާފައިވާ މީރާގެ ޕޭމަންޓް ސްލިޕްގައި ވަނީ ލީސް އެކުއިޒިޝަންގެ ގޮތުގައި 864،000 އެމެރިކާ ޑޮލަރު ނުވަތަ 13.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް، މިއީ ތިން ރަށަށް ބަލާއިރު ރަށްތަކެއް ދޫކުރަން ކުޑަ އަދަދެކެވެ.
އެމަނިކުފާނުގެ ވެރިކަމުގައި އާއިލީ މީހަކަށް ބޮޑެތި މާލީ މަންފާތަކެއް ލިބޭ ގޮތަށް، ކުޑަ އަގެއްގައި ރިސޯޓު ހަދަން ތިން ރަށް ދޫކޮށްފައިވާއިރު، މިއީ ސީދާ އެމަނިކުފާނުގެ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

