ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަންބޯޑު ބެހެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި ނަސޭހަތުގެ ބޯޑުތަކެއް ބެހެއްޓުން މާ ރަނގަޅުކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
”ސަންގުޓީވީގެ“ ޚަބަރަށްފަހު ޕްރޮގްރާމްގައި އަމްރު ވަނީ މިފަހުން ރައީސް ޑރ. މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ނިންމެވި ބައެއް ނިންމެވުންތަކަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ އާއްމު ތަންތަނާއި މައި މަގުތަކުގައި ޒިކުރާއި ނަސޭހަތު ބޯޑުތައް ބެހެއްޓުމުގެ ބޮޑު މަޝްރޫއެއް ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތުގައި ފަށަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާނުކުރައްވާފައިވާއިރު މިކަމާއި ގުޅިގެން އަމްރު ވިދާޅުވީ، ނަސޭހަތުގެ ބޯޑުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގައި ”ވައްކަން ނުކުރޭ“ ބޯޑެއް އަދި މުލިއާގެ ދޮރު ކުރިމަތީގައި ”ދޮގު ނަހަދާ“ ބޯޑެއް ޖަހަން ފެންނަ ކަމަށެވެ.
ރައްޔިތުން އިސްލާހުވުމުގެ ކުރިން އެންމެ ފުރަތަމަ ރައީސް ޑރ. މުއިއްޒު އެހެން މީހުންނަށް ނަމޫނާއަކަށް ވެވަޑައިގެން އިސްލާހު ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނޫންނަމަ ޤައުމު އޮޔާ ގޮސްދާނެ ކަމަށާއި އަދި މިހާރު މި ސަރުކާރުގެ މިސްރާބު ހުރިގޮތުން ސިފަވަނީ ހުންގާނު ނެތް އޮޑިއެއް ފަރަށް އަރާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
”ރައީސް ބޯޑުގެ ވާހަކަ ދެއްކެވީމަ އަޅުގަނޑަށް ފެނޭ ރައީސް އޮފީހުގެ ކުރިމަތީގައި ’ވައްކަން ނުކުރޭ‘ ބޯޑެއް ޖަހަން. އަދި ގަނޑުވަރު ކުރިމަތީގައި ދޮގު ނަހަދާ ބޯޑެއް ޖަހަން. އަމިއްލައަށް އިސްލާހުވާން އެބަ ޖެހޭ. މީހުންނަށް ނަމޫނާއަކަށް ވާން އެބަޖެހޭ. އެކަން ނުކުރެވެދިދާނަމަ ހުންގާނު ނެތް އޮޑިއެއް ފަރަށް އަރާ އުސޫލުން ޤައުމު ދާނީ ހަލާކުވަމުން،“ އަމްރު
އަމްރު ވިދާޅުވީ، ރައްޔިތުން ނިކަމެތިވުމުގެ ކުރިން ރައީސްގެ ޒިންމާ އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އަމްރު މިހެން ވިދާޅުވެފައިވާއިރު، އިސްލާމީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައުގައި އަށަގެންނެވުމަށް އާންމު ތަންތަނުގައި ޒިކުރާއި ނަސޭހަތު ބޯޑުތައް ހަރުކުރުމުގެ އިތުރަށް، ގައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ ޕްރޮގުރާމެއް ހިންގެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ސަރުކާރުގެ ބަޖެޓުންނާއި އާންމު ރައްޔިތުންނާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫއުގެ މަގުސަދަކީ ދީނުގައި ބަޔާންކޮށްފައިވާ ގޮތަށް މީހުންނަށް ހަނދާންކޮށްދިނުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެގޮތަށް ހަދާންކޮށްދިނުމަކީ ރަނގަޅަށް ސުލޫކު ބެހެއްޓުމަށް ބާރުއަޅައިދޭނެ ކަމެއް ކަމަށެވެ.

