ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓުތައް އޮޔާ ގޮސް ހިނގީ ބޮޑު ކާރިސާއަކަށް ވެދާނެ ހާދިސާއެއް، ބްރިޖަށް ގެއްލުމެއް ނުވޭ: މިނިސްޓަރ

ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް އެސްއެޗްއީސީގެ މަސައްކަތްތެރިން އިންސްޕެކްޝަނެއް ހިންގަނީ: ފޮޓޯ/ މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖު ކައިރިން ރޭ އޮޔާދިޔަ ދެ ބޯޓުގެ ސަބަބުން ހިނގި ނުރައްކާތެރި ހާދިސާގައި ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށާއި، މި ހާދިސާއަކީ ބޮޑު ކާރިސާއަކަށް ވެގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ހާލަތެއްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ރޭގެ ވަގުތުގައާއި މިއަދު ހެނދުނު ބްރިޖު އެޅި ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ވަނީ ބްރިޖު ބަލައި ފުރިހަމައަށް އިންސްޕެކްޓް ކޮށްފައެވެ. މި ބެލުމުން އެނގުނު ގޮތުގައި ބްރިޖުގެ ސްޓްރަކްޗަރަށް އެއްވެސް އަސަރެއްކޮށްފައި ނުވާއިރު، ފެންނަން ހުރީ ބޭރުފުށުގެ ކުދި ކޫރުންތަކެއް އެކަންޏެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ކުންފުންޏާއެކު ހަމަޖެހިފައިވާ މަރާމާތުގެ އެއްބަސްވުމުގެ ދަށުން، އެ ގެއްލުންތައް ރަނގަޅު ކުރުމުގެ މަސައްކަތް އެސްއެޗްއީސީން ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓިއްޖެނަމަ، ބްރިޖުތަކަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތްތަކަށް އޭގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ސަރުކާރުން އިތުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކޮންޓްރޯލުން ނެއްޓޭ މިފަދަ ބޮޑެތި އުޅަނދުތައް ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގްބޯޓު ގެނައުމުގެ މަސައްކަތް އެމްޕީއެލްއިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ ބޯޓުތައް ރާއްޖެ ގެނެވޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މީގެއިތުރުން މުއްތަލިބު ވިދާޅުވީ ކޯސްޓްގާޑާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައްވާނެކަމަށެވެ.

ރޭ މާލެ ކައިރިން ކޮންޓްރޯލުން ނެއްޓިގެން އޮޔާދިޔައީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ”އޭއެލް 1“ އާއި ޓޯގޯގެ ”އެމްޓީ ކޭޖީ 1“ ނަމަކަށް ކިޔާ ދެ ބޯޓެކެވެ. އޯމާނުން ފުރައިގެން އިންޑިއާއަށް ދަތުރުކުރި މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26 ގައެވެ. އަދި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި މާލެ ކައިރީގައި އަޅާފައި އޮއްވައި ކަމާބެހޭ ފަރާތްތަކަށް އެކަން ފާހަގަކުރެވުނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ.

އިންޑިއާގެ 20 ފަޅުވެރިން ތިބި މި ދެ ބޯޓުގައި ކާބޯތަކެއްޗާއި ތެލާއި ބޯފެން ހުސްވެ، މޫސުން ގޯސްވުމުގެ ސަބަބުން ބޯޓަށް ގެއްލުންތައް ލިބި ހާލުގައި ޖެހިފައިވާތީ، އެމީހުން ވަނީ އެހީއަށް އެދި މީގެކުރިން ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ރޭގެ ހާދިސާއާ ގުޅިގެން އެ އިދާރާއިން ވަނީ ބޯޓުތައް ކޮންޓްރޯލްކޮށް، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: