ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ އަނިޔާވެރި އަދި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ފޮރުވައި، މިއަދު ”ހުދުކާފޫރަށް“ ވާން އުޅުނަސް އެ ވާހަކަތައް އަޑުއަހާނެ ރައްޔިތަކު ނެތްކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް މިދިޔަ ފަސް އަހަރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކުރިޔަށް ގެންދިޔަ އެކި އެއްވުންތަކާއި ހަރަކާތްތައް އިންތިޒާމު ކުރީ މުހައްމަދު އިސްމާއީލެވެ. ހަރަކާތް ކޮމިޓީގައި އިސްކޮށް ހުންނަވައި މުހައްމަދު އިސްމާއިލް ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިޔައިރު އިންޑިއާއި، ރާއްޖެ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ކުރިޔަށް ގެންދިޔަ މުޒާހަރާތައް ވެސް އިންތިޒާމު ކުރީ މުހައްމަދު އިސްމާއީލެވެ.
ޕީއެންއެފް އިންތިޒާމުކޮށްގެން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ވާހަކައިގެ ވީޑިއޯއެއް ”އެކްސް“ ގައި ޕޯސްޓުކޮށް ވިދާޅުވީ 2013 އިން 2018 އާ ދެމެދު ދިވެހިރާއްޖޭގައި ކުރިއަށްދިޔަ ވެރިކަމަށްވުރެ އަނިޔާވެރި އަދި ހުދުމުހުތާރު ވެރިކަމެއް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ފެނިފައި ނުވާ ކަމަށެވެ. އެ ދުވަސްވަރު ޝަރުއީ ދާއިރާއަށާއި، ސިޔާސީ ވާދަވެރިންނަށް ކުރިމަތިކުރި ދުއްތުރާތަކުގެ މަތިން ރައްޔިތުން އަދިވެސް ހަނދާން ނުނެތޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް، އެ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ އުއްތަމަ ފަނޑިޔާރު ހިމެނޭހެން ފަނޑިޔާރުން ހައްޔަރުކޮށް މަގާމުން ވަކިކުރި ދުވަސްތަކުގެ ވާހަކަ ހަނދާނުގައި ހުންނާނެކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ ގޮތުން ބަސްބުނި ހުރިހާ ސިޔާސީ ލީޑަރުންނާއި، ޕާޓީތަކުގެ އިސް ފަރާތްތައް ހައްޔަރުކޮށް ބޮޑެތި އަނިޔާތަކާއި އަދަބުތައް ދިންއިރު ދައުރުގެ ތެރޭގައި ދެ ނައިބު ރައީސުން މަގާމުން ވަކިކުރިކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން އެއް ނައިބު ރައީސަކަށް ކުރިމަތިވި ކަންކަމަކީ ދިވެހި ތާރީހުން ފޮހެލެވޭނެ ކަންކަން ނޫންކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުވައި ވެސް ޕޯސްޓުކޮށް އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގެ ވެސް އެންމެ ބޮޑު ކޮރަޕްޝަންކަމަށެވެ. އަދި އެ އަމަލު ހިނގީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޔާމީން މިއަދު ނިކުމެވަޑައިގެން ރައްޔިތުންނަށް ކިތަންމެ ވަރަކަށް އޮޅުވާލަން ވާހަކަދެއްކެވި ނަމަވެސް، އެ ދައްކަވާ އެއްވެސް ވާހަކައެއް އަޑުއަހާނެ އަދި ގަބޫލުކުރާނެ ރައްޔިތަކު ނެތްކަމަށެވެ.

