ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އެތެރެވުމާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ބަނދަރުކޮށްފައި އޮއްވައި، ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އޮޔާދިޔަ ބޭރުގެ ދެ ބޯޓު މާލޭގެ 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 10:00 ހާއިރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ޖެހުނު ގަދަ ކޮޅިގަނޑާއެކު، އެ ދެ އުޅަނދު އެކުގައި އަޅާފައި އޮތް ނަގިލި ކަނޑައިގެން ދިއުމުންނެވެ.
ނަގިލި ކަނޑައިގެން ގޮސް ކޮންޓްރޯލެއް ނެތި އޮޔާދިޔަ މި ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރު ފަރަށެވެ. އެ ސަރަހައްދުގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު، ދެ ބޯޓު ވަނީ ސިނަމާލެ ބްރިޖުގެ ދަށުން އޮޔާ ގޮސްފައެވެ. އެ ވަގުތު ބޯޓުގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓް ބްރިޖުގެ ސުޕަރ ސްޓްރަކްޗާގައި ޖެހި، ކޫރުން އެޅިފައި ވެއެވެ. ބްރިޖު ދަށުން ދަތުރުކޮށް އެ އުޅަނދުތައް ނުކުތީ މާލޭގެ ދެކުނު ފަރާތު ކަނޑަށެވެ.
މި ހާދިސާގައި އަޑިއަށް ގޮސްފައި ވަނީ އައިއެމްއޯ ނަންބަރެއް ނެތް ”އޭއެލް 1“ އަދި ޓޯގޯގެ ދިދަ ނަގާފައިވާ ”އެމްޓީ ކޭޖީ 1“ ނަމަކަށް ކިޔާ ދެ ބޯޓެވެ. މިއީ އޮމާނުން ފުރައިގެން އިންޑިއާއަށް ދަތުރުކުރަނިކޮށް، އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތި މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ދެ އުޅަނދެވެ. މި އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި އޮތްކަން ކަމާބެހޭ އިދާރާތަކަށް އެނގުނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ.
މި ދެ ބޯޓުގެ މައްސަލަ ފެންމަތިވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހު ”ނެޝަނަލް ޔުނިއަން އޮފް ސީފެއަރާސް އޮފް އިންޑިއާ“ އިން ވަނީ މި އުޅަނދުތަކުގެ ފަޅުވެރިންގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި ”ކޭޖީ 1“ ގެ 9 ފަޅުވެރިންނާއި ”އޭއެލް 1“ ގެ 11 ފަޅުވެރިންނާއެކު ޖުމްލަ 20 މީހުން ހާލުގައި ޖެހިފައިވާއިރު، އެ މީހުންގެ ކާބޯތަކެއްޗާއި ބޯފެން އަދި ތެލުގެ އިތުރުން ޒަރޫރީ ސާމާނު ވަނީ ހުސްވެފައެވެ.
ދެ ބޯޓު އެއް ނަގިއްޔަކުން ބަނދަރުކޮށްފައި އޮތުމާއި، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިދާނެކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފައިވެއެވެ. އެހެންކަމުން، އުޅަނދުތަކާ މެދު ގާނޫނީ މައްސަލައެއް ހިނގަމުން ދިޔަ ނަމަވެސް، ކުށެއް ނެތް ފަޅުވެރިން އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމް ނުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ވީޑިއޯގައި އެދެއެވެ.
ވީޑިއޯގައި ބުނާ ގޮތުގައި، ކަސްޓަމްސްގައި އެހީއަށް އެދުމުން މި މައްސަލައިގައި މާބޮޑު އެހީތެރިކަމެއް ލިބިފައި ނުވެ އެވެ.

