ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އިން އީ-ކޮމާސްއަށް މަހަކު 16 މިލިއަން ޑޮލަރު: ޓިކެޓަށް 6 މިލިއަން، ސައިޓްތަކަށް 3 މިލިއަން!

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކުރާ މުއާމަލާތްތަކަށް، ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ އުސޫލަކުން ވަކި ލިމިޓްތަކެއް ކަނޑައަޅައި އެކަން އިއުލާނުކޮށްފިއެވެ. މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.

ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދަމުންދެއެވެ. އަދި މި އަހަރު މިފަދަ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެވެމުންދާކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މިގޮތަށް އީ ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު އިންތިހާއަށް އިތުރުވެ، ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުންނަ ޑޮލަރުގެ މިންވަރަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. މީގެ ސަބަބުން ޒަރޫރީ އެހެން ހިދުމަތްތަކާއި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމުގައި ދަތިތަކާ ކުރިމަތިވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.

އެހެންކަމުން މި ފިޔަވަޅުތަކަކީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އައު އުސޫލުގެ ދަށުން، ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި ކޮންމެ މަހަކު 16 މިލިއަން ޑޮލަރުގެ ޖުމްލަ ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. އަދި ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ. ވަކި ދާއިރާއަކަށް ނުވަތަ ވިޔަފާރިއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެއެވެ. ނުވަތަ ޑޮލަރު ކާޑެއް މެދުވެރިކޮށް ވިޔަފާރި ފުރިހަމަކުރެވޭނެއެވެ.

ދާއިރާތަކަށް ލިމިޓް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލް:

  • އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް: ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ އާންމުކޮށް ބޭނުންކުރާ 150 ޕްލެޓްފޯމަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު). މި ޕްލެޓްފޯމްތަކުގެ ލިސްޓު ބޭންކުން އާންމުކުރާނެއެވެ.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް: މެޓަ (ފޭސްބުކް/އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).
  • ދަތުރުފަތުރާއި ހޮޓެލް ބުކިން: އެއާލައިން ޓިކެޓާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). ބޭރު ފައިސާ ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް އަމިއްލަ ދަތުރުފަތުރަށް އިސްކަންދިނުމުގެ ގޮތުން މި ކެޓެގަރީން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ.
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް: މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
  • އެހެނިހެން ވިޔަފާރިތައް: މަތީގައި ބަޔާންކުރެވިފައި ނުވާ އެހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު).

މީގެ އިތުރުން، ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ވަކި މާރޗަންޓް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ކަނޑައެޅިފައިވާ 16 މިލިއަން ޑޮލަރުގެ ތެރެއިންނެވެ. އަދި މި ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭންކުން ޚާއްސަ ބަފަރއެއް (އިތުރު މިންވަރެއް) ބަހައްޓާނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ލިމިޓްތަކަކީ ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭނެ ލިމިޓްތަކެކެވެ. އަދި ބޭންކުގައި ބޭރު ފައިސާ ހުންނަ މިންވަރަށާއި ކަސްޓަމަރުންގެ މުއާމަލާތްތަކަށް ބަލައި މި އަދަދުތަކަށް އެކަށީގެންވާ ބަދަލުތައް ގެންނަމުންދާނެ ކަމަށްވެސް އެ ބޭންކުން ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: