ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ހާއްސަ މެސެޖެއްގައި، ދިވެހި ގައުމަށް ލިބުނު އެންމެހާ ކުރިއެރުމާއި ނަސްރުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ”އެކްސާ“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ނުވަ ގަރުނުގެ ދިގު މާޒީގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތް ބިނާކޮށްފައިވަނީ އިސްލާމީ މަތިވެރި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތުގެ މައިބަދައަކީ އިސްލާމްދީންކަން ޖީލުތަކުން ޖީލުތަކަށް ސާބިތުކޮށްދީފައިވާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، ގައުމުގެ މިނިވަންކަމާއި އިސްލާމީ އަގީދާއަށް އައި ކޮންމެ ނުރައްކަލަކާ ދެކޮޅަށް ދިވެހި އަބްޠާލުން ﷲގެ މަގުގައި ސާބިތުކަމާއެކު ޖިހާދުކޮށްފައިވާކަން ހަނދާން އައުކުރެއްވިއެވެ. އަދި ރާއްޖެ ދެކެފައިވާ އެންމެހައި ތަހުޒީބާއި ފާގަތިކަމަކީ އިސްލާމްދީނުގެ ހިދާޔަތުގެ ސަބަބުން ލިބުނު ނިޢުމަތްތަކެއް ކަމަށް ވިދާޅުވެ، މި މަތިވެރި ހިދާޔަތަށްޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މާޒީއާއި، މިއަދާއި، ކުރިމަގުގެވެސް އެންމެ ވަރުގަދަ އައްޑަނައަކީ އަދި ސަލާމަތަކީ އިސްލާމްދީން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން، ދިވެހި އުންމަތަކީ އަބަދުވެސް އިސްލާމްދީނުގެ މަތީގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި ލަހައްޓަވައި، ގައުމަށް އަމަންއަމާންކަމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.

